މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް ބަދަލުކޮށް، ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކުރިއަށް މިއޮތް އަހަރު ވެގެންދާނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ފުލުހުންގެ 93 ވަނަ އަހަރީދުވަހުގެ ރަސްމީ ޖަލްސާގާއި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
ހަމައެހެންމެ، ކުރިއަށް އޮތް އަހަރުވެގެން ދާނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި މައުލޫމާތު ނުދީ ފިލައިގެން އުޅޭ ދެހާހެއްހައި ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ އަހަރެއް ކަމަށާއި އަމާން ބެލެހެއްޓުމަށް ޓެކްނޮލޮޖީއާއެކު ފުލުހުންގެ އޮފިސަރުން ވެސް މިހާރަށް ވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ، ފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް މިއަންނަ އަހަރު ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޯންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓާއި އެހީއަށް އެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭގޮތާއި އެ ހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާ ފީޑްތައް ވަގުތުން ފެންނަގޮތަށް ިސްޓަމް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށެވެ. އަދި ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ ހިދުމަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފްކުރެވިގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.