English Edition
Dhivehi Edition
މީދޫ ގަނޑޮވަރިފަންނުގައި އިއްޔެ ބޭއްވި ނަލަފެހިޖަމިއްޔާގެ ސައިޕާޓީ: ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯނިއުސް

މިނިސްޓްރީ އޮފް ހެލްތާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ “ސްޓްރެންތެނިން ޖެންޑާ އިންކްލޫސިވް އިނިޝިއޭޓިވްސް” (އެސްޖީއައިއައި) މަޝްރޫއުގެ ދަށުން، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ގްރާންޓް ޕްރޮގްރާމެއް ރަސްމީކޮށް ހުޅުވާލައިފިއެވެ.

ހެލްތް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ “މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ގައުމީ އެކްޝަން ޕްލޭން (2022-2026)” އާއި “އުމުރުން ދުވަސްވީ މީހުންގެ ގައުމީ ސިޔާސަތު (2025-2028)” ގައި ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމެވެ. މި ގްރާންޓުގެ އެހީގައި ޖަމިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫއުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ގްރާންޓް ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ:

  • ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުން: މި ދާއިރާ ހާއްސަކުރެވިފައިވަނީ ހަމައެކަނި މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫއުތަކަށެވެ. މި ދާއިރާއިން އެހީގެ ގޮތުގައި ކޮންމެ މަޝްރޫއަކަށް ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ މަތީ އަދަދަކީ 1,156,500 ރުފިޔާއެވެ.
  • އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރުން: މި ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. މި ދާއިރާއިން ކޮންމެ މަޝްރޫއަކަށް ދޫކުރާނެ އެންމެ މަތީ އަދަދަކީ 925,000 ރުފިޔާއެވެ.

މި މާލީ އެހީއަށް ކުރިމަތިލެވޭނީ “ޖަމިއްޔާތަކާބެހޭ ގާނޫނު” ގެ ދަށުން ރަޖިސްޓަރީވެ، ގަވާއިދުން ހިންގަމުންދާ މަދަނީ ޖަމިއްޔާތަކަށެވެ. އަދި މި މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން ޖަމިއްޔާތަކާ ގުޅިގެން ޕާޓްނާޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 8 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ސަބަބުން ރަށު ފެންވަރުގައި އިސްރަށްވެހިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑުތަނުން ހަރުދަނާވެގެންދާނެއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާއިރު ކަނޑައެޅިފައިވާ އުސޫލުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.