English Edition
Dhivehi Edition
ހިޔާ މަޝްރޫއުގެ ފްލެޓްތައް /ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ބޮޑު އިންސައްތައެއް 2028 ވަނަ އަހަރުގެ މެދާ ހިސާބަށް ދާއިރު ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ދައުރުގެ ތެރޭގައި އެ މަޝްރޫއުތައް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ވެސް އަމަލީ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޗައިނާ އަދި އިންޑިއާ ސަރުކާރާއެކު އޮތް ގުޅުމުގެ ތެރެއިން އިތުރު ހައުސިން މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައެވެ. އަދި ރާއްޖޭގެ 13 ރަށެއްގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ބީއެމްއެލް ފައިނޭންސިންގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ބިންގާ އަޅާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓުގެ އެގްރީމެންޓް މި ހަފްތާގެ ތެރޭގައި ފައިނަލް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.