English Edition
Dhivehi Edition
މިނިސްޓަރު އަލީ އިހުސާން

އިމަޖެންސީ ހާލަތްތަކުގައި ގުޅާ 911 ގެ ހިދުމަތް އިތުރަށް ތަރައްގީކޮށް، ގުޅާ ފަރާތްތަކުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް “ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގް އިކުއިޕްމަންޓް” ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އަޕްގްރޭޑްގެ ދަށުން އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަންގެ އިތުރުން، އެ ސަރަހައްދެއްގައި ހަރުކޮށްފައިވާ ފުލުހުންގެ ކެމެރާ ފީޑްތައް ވެސް ވަގުތުން ސިސްޓަމުން ފެންނާނެ ގޮތް ހެދިގެންދާނެ އެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރު ތެރޭގައި “ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ” ގެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ފުލުހުން ގާއިމުވެ ތިބި ހުރިހާ ރަށެއްގައި އެކަށީގެންވާ ފުލުހުންގެ މަރުކަޒުތަކެއް ބިނާކުރެވޭނެ ކަމަށެވެ. އަދި ރަށްތަކުގައި ގޭންގު ހަދައިގެން އުޅުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާ އިރު، ކުރިއަށް އޮތް އަހަރަކީ އެފަދަ ކުދިން މުޖުތަމައުއަށް އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކުރާނެ އަހަރަކަށް ވެގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ އަދި ބަޔޯމެޓްރިކްސް ނުދީ ފިލައިގެން އުޅޭ 2,000 އެއްހާ ބިދޭސީން ހޯދައި ޑީޕޯޓް ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރިއަށް އޮތް އަހަރު ކުރެވޭނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އިތުރަށް އިހުސާން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އަވަސް އަދި ފެންވަރު ރަނގަޅު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮޑު ވިސްނުންފުޅެއް ކަމަށެވެ.