ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ލޮލުގެ ފަރުވާގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއާ އޮޕްޓިކަލްސް އިން ވަނީ އޮޕްޓިކަލް ސައިންސްގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ‘ޒައިސް’ އާ އެކު ބޮޑު ޕާޓްނާޝިޕެއް ގާއިމުކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން އައިކެއާ އަކީ މިހާރު ރާއްޖޭގެ ރަސްމީ ‘ޒައިސް ވިޝަން އެކްސްޕާޓް’ އެވެ.
މި ޕާޓްނާޝިޕް އިއުލާނުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ އެންމެ ފަހުގެ 3D ސްކޭން ޓެކްނޮލޮޖީ އެކުލެވޭ ‘ޒައިސް ވިޒްފިޓް’ ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ. މި މެޝިނަކީ އައިނު އިހުތިޔާރުކުރާއިރު ލޮލަށް އެންމެ އަރާމު ގޮތްތަކާއި އެންމެ ފުރިހަމަ މިންތައް ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މީގެ އިތުރުން ޑިޖިޓަލް ދިރިއުޅުމުގެ ސަބަބުން ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ހާއްސަ ޒައިސް ލެންސްތައް ވެސް މިހާރު އައިކެއާއިން ލިބޭނެ އެވެ.
އައިކެއާއިން ބުނީ މި ޕާޓްނާޝިޕަކީ ދިވެހިންނަށް ދުނިޔޭގެ ފެންވަރުގެ، ލޮލުގެ ފަރުވާ އާއި ޒަމާނީ ލެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އައިކެއާއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕުގެ ސަބަބުން ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ‘ޕާސަނަލައިޒްޑް’ ހިދުމަތްތައް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އައިކެއާ އިން ވަނީ ބުނެފައެވެ.
އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަބަދުވެސް އަމާޒެއް ކަމަށެވެ.
“ޒައިސްގެ އާ އީޖާދުތަކާ އެކު ކަސްޓަމަރުންނަށް ވަރަށް ތަފާތު، ޕާސަނަލައިޒްޑް ހިދުމަތްތަކެއް ލިބިގެންދާނެ،” ޑރ. ޒާހިރު ފާހަގަކުރެއްވި އެވެ.
‘ޒައިސް’ އިންޑިއާގެ ހެޑް އޮފް ވިޝަން ކެއާ، ރޯހަން ޕައުލް ވެސް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި ބޮޑު އިތުބާރެއް ހޯދާފައިވާ އައިކެއާ ފަދަ ކުންފުންޏަކާ އެކު މަސައްކަތް ކުރަން ފެށުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވެފަ އެވެ. މި ބަދަލާ އެކު ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އާ އުސްމިންތަކަކަށް ދާނެ ކަމަށް އުންމީދު ކުރެވެ އެވެ.