English Edition
Dhivehi Edition
ވިއްސާ ދުވަހެއްގައި ކަނޑުމަތި

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރެއް މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ކަނޑަށް ވެއްޓި، އޮޔާދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން އަދިވެސް ނުފެނިވާ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި ކަނޑަށް ވެއްޓިފައިވަނީ ހުސް ކޮންޓެއިނަރުތަކެކެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 11 ޖެހިފަހުންނެވެ.

ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދުން ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.