English Edition
Dhivehi Edition
އައްޑޫގައި އެންސްޕާގެ ކޯލް ސެންޓަރެއް ހުޅުވުން

އައްޑޫ ސިޓީގައި ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރެއް އަންނަ ޖުލައި މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.

އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގައި މި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު، އެންސްޕާއިން ފޯރުކޮށްދޭ ކޯލް ސެންޓަރުގެ ހިދުމަތްތައް ލިބޭ ވަގުތު އިތުރުވެ، އާންމު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި އާސަންދަ އަދި އެންސްޕާގެ އޮފީހެއް މި އަހަރު މާޗް މަސްތެރޭގައި ވަނީ ހުޅުވާފައެވެ.

މިހާރު އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 މެދުވެރިކޮށް ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް، މެޑިކަލް ވެލްފެއާ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ހިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް އޮޅުންފިލުވޭނެއެވެ.

މީގެ އިތުރުން، އެންސްޕާގެ ގިނަ ހިދުމަތްތަކަށް މިހާރު ވަންގިވް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. އޭގެ ތެރޭގައި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ، ތެލެސީމިއާ އެލަވަންސް، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓާ ކުދިންނަށްދޭ އެހީގެ ޕްރޮގްރާމްތައް ހިމެނެއެވެ.