ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިމިދިޔަ ނޮވެމްބަރު މަހު ތެރަޕީގެ ފަރުވާއަށް 12.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތެރަޕީގެ އެކި ބާވަތްތަކަށް ހޭދަކުރި ފައިސާގެ ތަފްސީލަށް ބަލާއިރު، މި ހިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިހޭވިއަރަލް ކެއާ ނުވަތަ އުޅުމާއި ގުޅުންހުރި ކަންކަން ރަނގަޅުކުރުމަށް ދެވޭ ފަރުވާއަށެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު އެކަނިވެސް ބިހޭވިއަރަލް ތެރަޕީއަށް 3.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. އެއީ 3.49 މިލިއަން ރުފިޔާއެވެ. އަދި ވާހަކަދެއްކުމުގެ ހުނަރު ނުވަތަ ސްޕީޗް ތެރަޕީއަށް 3.27 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.
މި މުއްދަތުގައި އެންސްޕާގެ އެހީގައި ތެރަޕީގެ ފަރުވާ ހޯދި މީހުންގެ ޖުމްލަ އަދަދަކީ 359 އެވެ. އޭގެ ތެރޭގައި ހިމެނެނީ 252 ފިރިހެނުންނާއި 107 އަންހެނުންނެވެ. މި ފަރާތްތަކަށް ބޭނުންވާ އެޑިއުކޭޝަނަލް ތެރަޕީއަށް 1.88 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ފިޒިއޮތެރަޕީއަށް 118,400 ރުފިޔާ އަދި ސައިކޮތެރަޕީއަށް 99,300 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އާލީ އިންޓަވެންޝަންގެ ހިދުމަތްތަކަށް 9,000 ރުފިޔާ ހަރަދުވިއެވެ.
އެންސްޕާގެ ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ 14,938 މީހުން މިހާރު ރަޖިސްޓްރީކުރެވިފައިވާކަމަށް އެ އޭޖެންސީން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5,050 ކުދިން ހިމެނޭއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ 7,613 މީހުން އަދި 65 އަހަރުން މަތީގެ 2,275 މީހުން ހިމެނެއެވެ. އެންސްޕާއިން އަންނަނީ މި ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ތެރަޕީގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑު އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ކުޑަކުދިންނަށް ބޭނުންވާ ތެރަޕީތަކަށް ދައުލަތުން ކުރާ ހޭދަ ބޮޑުކަން ފާހަގަކުރެވެއެވެ. އެންސްޕާއިން ބުނީ ދައުލަތުގެ ބަޖެޓުން މިފަދަ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.