English Edition
Dhivehi Edition
ރާއްޖޭގެ މަސްވެރިންތަކެއް މަސްބާނަނީ - ފޮޓޯ: ކުރެދޫ ރިސޯޓް

އިތުރުވަމުންދާ ކޯލްޑް ސްޓޯރޭޖްތަކާއެކު ދިވެހި މަސްވެރިންނަށް މަހުގެ ރަނގަޅު އަގެއް ހޯދައިދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގައި މަސް ފިނިކޮށް ބެހެއްޓޭނެ ޖުމްލަ ކެޕޭސިޓީއަކީ 9،500 ޓަނު ކަމަށެވެ. ނަމަވެސް، ސަރުކާރުގެ އަމާޒަކީ މި އަދަދު 25،000 ޓަނަށް އިތުރުކުރުން ކަމަށާއި، މި އަމާޒު 2027 ވަނަ އަހަރުގެ ނިޔަލަށް ހާސިލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސް ރައްކާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ފެލިވަރު އަދި ކޫއްޑޫ: ކޮންމެ ފެސިލިޓީއެއްގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް (އެންމެ ބޮޑު ދެ މަޝްރޫއު)
  • ގދ. ފިޔޯރީ: 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް
  • ފ. ނިލަންދޫ: 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް
  • ފުނައްޑޫ: 1،300 ޓަނުގެ ކޯލްޑް ސްޓޯރޭޖް
  • ގދ. ތިނަދޫ ސިޓީ: 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް (މި އަހަރުގެ ފަހު ކުއާޓަރުގައި މަސައްކަތް ނިމޭނެ)
  • މ. މުލައް: މިއަހަރުގެ ޑިސެމްބަރު 10 އަށް ފެސިލިޓީގެ މަސައްކަތް ނިންމުމަށް ވަނީ ތާވަލުކުރެވިފައި

“މިހާރު މަސް ރައްކާކުރާނެ ޖާގަ ނެތުމުގެ ސަބަބުން، މޫސުމީ މަސްވެރިކަމުގައި އެންމެ އަވަހަށް ބޭރުގެ ކުންފުނިތަކުން ހުށަހަޅާ އަގަކަށް މަސް ވިއްކާލަން މަޖުބޫރުވޭ. ނަމަވެސް މި ފެސިލިޓީތައް ނިމުމުން، ވާދަވެރި ބާޒާރެއްގައި އެންމެ ބޮޑު އަގު ހުށަހަޅާ ބަޔަކަށް މަސް ވިއްކުމުގެ ފުރުސަތު ފަހިވެ، މަސްވެރިންނަށް އޭގެ ހެޔޮ ނަތީޖާ ފެންނާނެ.” ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، މަސްވެރިން ބާނާ މަސް އެއްވެސް ލިމިޓެއް ނެތި މިފްކޯއިން ގަންނަމުންދާއިރު، ރާއްޖޭގައި މަހަށް އަގު އެއްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މަސްދަޅު ބަންދުކުރާ އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ އެންމެ ބޮޑު އަދި އެންމެ ހެޔޮ ބަދަލުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.