ގިނަ ދުވަސްތަކެއްގެ މެދުކެޑުމަކަށް ފަހު ކަރީނާ ކަޕޫރު ސްކީރީނަށް އެނބުރިއަންނަ ފިލްމު “ދާއިރާ” ދައްކާނެ ތާރީހު އިއުލާންކޮށްފިއެވެ.
އިންސްޓަގްރާމް މެދުވެރިކޮށް، އުމުރުން 45 އަހަރުގެ އިންޑިއާގެ މަޝްހޫރު ބަތަލާ ވަނީ އޭނާގެ ކުރިއަށް އޮތް އިންވެސްޓިގޭޓިވް ކްރައިމް-ޑްރާމާ ތުރިލާ ފިލްމު ‘ދާއިރާ’ ގެ ބައެއް މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލާފައެވެ. ކަރީނާ ވަނީ ފިލްމުގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަރުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއްވެސް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް ދެކުނު އިންޑިއާގެ އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެންނާނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މި ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ‘ދާއިރާ’ އަކީ، ނުބައި ނުލަފާ އަމަލެއްގެ ސަބަބުން މުޅި މުޖުތަމައު ބައިބައިވެ، ހިޔާލުތަފާތުވުންތައް އުފެދިގެންދާ ގޮތް ދައްކުވައިދޭ އަދި ފަސޭހަ ޖަވާބުތަކުގެ ބަދަލުގައި ހަގީގަތް ހޯދުމަށް ބެލުންތެރިންނަށް ގޮންޖަހާލާ، ނޭވާހިފަހައްޓާލަންޖެހޭ ފަދަ އިންވެސްޓިގޭޓިވް ފިލްމެއް ކަމަށެވެ.