English Edition
Dhivehi Edition
މެސީ

ލިއޮނަލް މެސީގެ ބައްޕަ މަރުވިކަމަށް ބުނެ ދޮގު ހަބަރެއް ފެތުރުމާ ގުޅިގެން، އާޖެންޓީނާގެ ޓީވީ ހޯސްޓަކު މަގާމުން އިސްތިއުފާ ދީފިއެވެ.

މެސީގެ ބައްޕަ، ޚޯރްޚޭ މެސީއަށް ސިއްހީ ބޮޑު މައްސަލައެއް ދިމާވެގެން އުޅޭކަން ހާމަކޮށް މެސީގެ އާއިލާއިން ބަޔާނެއް ނެރުނުތާ އެއްދުވަސް ފަހުން، ފްލޮރެންސިއާ ޕެންޔާ ވަނީ ‘ލޫޒޫ ޓީވީ’ މެދުވެރިކޮށް ޚޯރްޚޭ މަރުވެއްޖެ ކަމަށް އިއުލާންކޮށްފައެވެ. އަދި ވޯލްޑް ކަޕްގައި ދެން ބާކީ ހުރި މެޗުތަކުގައި މި މަޝްހޫރު ފުޓްބޯޅަ ތަރި ނުކުޅޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ދޮގު ޚަބަރު ފެތުރުމާ ގުޅިގެން، ޕެންޔާ ވަނީ އޭނާގެ މަގާމުން އިސްތިއުފާދީ، މެސީގެ އާއިލާގެ ކިބައިން މާފަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި މި ކަންތައް ދިމާވީ، ޝޯ ލައިވްކޮށް ކުރިއަށް ދިޔަ ވަގުތު އޭނާގެ ކަންފަތަށް ލައްވާފައި ހުރި އިއަރޕީސް މެދުވެރިކޮށް، ޕްރޮޑަކްޝަން ޓީމުން އޭނާއަށް ނުބައި މައުލޫމާތުތަކެއް ދިނުމުގެ ސަބަބުންނެވެ.

“މެސީގެ އާއިލާއަށް މިހާރު ކުރިމަތިވެފައިވާނެ ހިތްދަތި ވަގުތުތަކަށްޓަކައި އަޅުގަނޑު އެ އާއިލާގެ ކިބައިން މާފަށް އެދެން، “މިފަދަ ހިތާމައެއް ލިބުމުގެ މެދުވެރިއަކަށް އަޅުގަނޑު ވުމުން އިންތިހާއަށް ލަދުގަނޭ. އަޅުގަނޑު ސާފުކޮށްދޭން ބޭނުންވަނީ، ޝޯ ލައިވްކޮށް ދައްކަމުން ދިޔަ ވަގުތު މި ދޮގު މައުލޫމާތަކީ ކަށަވަރު ކުރެވިފައިވާ މައުލޫމާތެއް ކަމަށް ބުނެ ޕްރޮޑަކްޝަން ޓީމުން އަޅުގަނޑަށް ދިން މައުލޫމާތެއްކަން، އަދި އަޅުގަނޑަށް އެމީހުންނަށް އިތުބާރު ކުރެވުނީ. އެހެންނަމަވެސް، މި ހެދުން ގޯހުގައި އަޅުގަނޑުގެ ބައިވެރިވުން އޮތުމުން އޭގެ ޒިންމާ އަޅުގަނޑު ނަގަން. އަދި ‘ލޫޒޫ’ އިން ވަކިވެ، ޝޯގައި އިތުރަށް ބައިވެރިނުވާން ނިންމީ އެ ސަބަބާ ހުރެ. ހިތުގެ އަޑިން އަނެއްކާވެސް މާފަށް އެދެން؛ އަޅުގަނޑަށް ހެދުނީ ގޯހެއް،” ފަހުން ސްޕެނިޝް ބަހުން ސޯޝަލް މީޑިއާގައި ލިޔުނު ބަޔާނެއްގައި ޕެންޔާ ބުންޏެވެ.

އާޖެންޓީނާގެ މަގުބޫލު މީޑިއާ އައުޓްލެޓެއް ކަމަށްވާ ‘ލޫޒޫ’ އިންވެސް ވަނީ މިކަމާ ގުޅިގެން މާފަށް އެދި ބަޔާނެއް ނެރެފައެވެ. އަދި މިކަމުގައި “ޒިންމާވާންޖެހޭ ފަރާތްތައް” މަގާމުތަކުން ވަކިކޮށްފައިވާ ކަމަށްވެސް އެ ނޫހުން ބުންޏެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 10 ބްރޭންޑަކުން ވަނީ ‘ލޫޒޫ’ އާއެކު ހަދާފައިވާ ސްޕޮންސަރޝިޕް އެއްބަސްވުންތައް ވަގުތުން އުވާލާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ލިއޮނަލް މެސީ މިހާރު ކުޅެމުންދަނީ އޭނާގެ ރެކޯޑް 6 ވަނަ ވޯލްޑް ކަޕެވެ. އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އަންނަ ހޯމަ ދުވަހު ޓެކްސަސްގެ އާލިންގްޓަންގައި އާޖެންޓީނާ ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.