ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް، އޭނާގެ “މޭރީ ކަހާނީ” އަލްބަމަށްފަހު, 18 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސް، އޭނާގެ ހަތަރުވަނަ ސްޓޫޑިއޯ އަލްބަމް ނެރޭނެކަން އިއުލާންކޮށްފިއެވެ.
އާތިފް މިކަން އިއުލާންކުރީ މި ހަފުތާގެ ކުރީކޮޅު ލަންޑަނުގެ މަޝްހޫރު “އޯޓޫ އެރީނާ” ގައި ބޭއްވި އޭނާގެ ކޮންސެޓެއްގެ ތެރެއިންނެވެ. ކޮންސެޓުގައި ލަވަ ހުށަހަޅައިދެމުން އާތިފް ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގެ ކުރީކޮޅުގެ ހަނދާންތައް އާކޮށްފައެވެ.
އޭނާ ބުނި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ލާހޫރަށް ނިސްބަތްވި އެ ކުޑަކުއްޖާއަށް (އާތިފްއަށް) ރައްޓެހިން މާ ބޮޑަށްވެސް މުހިއްމުކަމަށާއި އޭގެ ސަބަބުން ޕޮކެޓް މަނީއިން ފުއްދާނުލެވުނު ކަމަށެވެ. ނަމަވެސް އެ ރައްޓެހިން އޭނާއަށްޓަކައި ގިނަ ގުރުބާނީތަކެއްވެ، ކޮލެޖަށް ދިއުމަށާއި ކެއުމުގެ ކަންކަމުގައި އެހީތެރިވިކަން އާތިފް ވަނީ ފާހަގަކޮށްފައެވެ. “އޭގެ 20 އަހަރު ފަހުން އެ ކުއްޖާ ލަންޑަނުގެ އޯޓޫ އެރީނާގައި ހުންނާނެކަން އެނގޭނީ ކާކަށް ހެއްޔެވެ؟” އާތިފް ބުންޏެވެ.
އޭނާގެ މަގުބޫލު ލަވަ “ޖަލް ޕަރީ” ކޮންސެޓުގެ ބައިވެރިންނަށް ހަދިޔާކުރުމަށްފަހު، އާތިފް ވަނީ އޭނާގެ ހަތަރުވަނަ ސްޓޫޑިއޯ އަލްބަމްގެ ހަބަރު ދީފައެވެ. ނަމަވެސް، މި އަލްބަމަށް ކިޔާނެ ރަސްމީ ނަމެއް އޭނާ އަދި ހާމައެއް ނުކުރެއެވެ.
“ޑޯން” ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާތިފް އަސްލަމްގެ މި އާ އަލްބަމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.