އައްޑޫ ހިތަދޫގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.
އެ ހާދިސާގައި ނިޔާވީ ހިތަދޫ، ޖަބްރާނުގޭ، ރަމީޒް އަބްދުﷲ އެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ވީޑިއޯގައި ފެންނަނީ ބޮޑު މަގުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މަންޒަރެވެ. އަދި މީހަކު ވިއްސައިގެން ގޮސް ވެއްޓޭ މަންޒަރު ވެސް ފެނެއެވެ.
މިހާދިސާގައި ރަމީޒުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ގެއްލުންތަކެއް ލިބުނެވެ. އަދި ރަމީޒަށް އައްޑޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވީ އެވެ.
ތިން ކުދިންގެ ބައްޕަ، ރަމީޒް ނިޔާވީ ސިކުނޑީގެ އެތެރެއަށް ލޭ އެޅިގެންނާއި އެހެނިހެން ބައެއް ސީރިއަސް އަނިޔާތައް ލިބިގެން ކަމަށް ޢާއިލާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އުމުރުން 48 އަހަރުގެ ރަމީޒްގެ ކަށުނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށް ފަހު މާލޭގެ އާސަހަރާގަ އެވެ.