ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން 100،000 މެމްބަރުން ހަމަވި ފުރަތަމަ ސިޔާސީ ޕާޓީއަކަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި މިރޭ 22:37 އާ ހަމައަށް ޕީއެންސީގެ ދަފްތަރުގައި 100،083 މެމްބަރުން އެބަތިއްބެވެ. 31 ޖެނުއަރީ 2019 ގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރި ޕީއެންސީއަށް މި ހާސިލުކުރެވުނީ އެ ޕާޓީގެ ތާރީހުގައި ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އީސީގެ ދަފްތަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 7 ސިޔާސީ ޕާޓީގައި ޖުމްލަ ތިބީ 178،205 މެމްބަރުންނެވެ. މީގެ ތެރެއިން ޕީއެންސީއަށް ފަހު ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އެ ޕާޓީގައި ތިބީ 53،747 މެމްބަރުންނެވެ.
ދަފްތަރުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާއިރު، ޖުމްހޫރީ ޕާޓީގައި 7،751 މެމްބަރުން ތިބިއިރު، އެމްޑީއޭގައި ތިބީ 5،749 މެމްބަރުންނެވެ. އަދި އަދާލަތު ޕާޓީގައި 5،530 މެމްބަރުން، އެމްއެންޕީގައި 2،809 މެމްބަރުން އަދި ޕީއެންއެފްގައި 2،536 މެމްބަރުން އެބަތިއްބެވެ.
ޕީއެންސީއަށް 100،000 މެމްބަރުން ހަމަވެފައިވާއިރު، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެ ޕާޓީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ވެސް އަރުވާފައެވެ.