English Edition
Dhivehi Edition
ދުންފުސް

މުޅި ރާއްޖެއަށް މިއަދު ދުންފުހުގެ އަސަރު ފެތުރި، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މި އަސަރު ފެންނާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ފެތުރިފައިވާއިރު، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި މި އަސަރު އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި ދުންފުހުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ސާފުމިން ދަށްވެ، ދުރު ފެންނަ މިންވަރު ވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

ދުންފުހުގެ ސަބަބުން ސިއްހީ ގޮތުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމުގެ ގޮތުން، ބޭރުތެރޭގައި އެކި ހަރަކާތްތަކުގައާއި މަސައްކަތްތަކުގައި އުޅޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުންނާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން މި ދުވަސްވަރު ބޭރަށް ނުކުމެ އުޅުމުގައި އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.