English Edition
Dhivehi Edition
ކުރީގެ ރައީސް ނަޝީދު --ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ދައުލަތުގެ ދަރަނި އަދާކުރަން ވާނީ ރައްޔިތުން ނިކަމެތި ނުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޓެކްސް ބޭސް ބޮޑުކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު މިހެން ވިދާޅުވީ ރޭ ބޭއްވެވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދުގެ ވާހަކަފުޅުގައި، މިހާރު އުފެދިފައިވާ ބޮޑު ދަރަނި ދައްކަން ޖެހޭނީ ދައުލަތުގެ ތަނަވަސްކަން އިތުރުކޮށްގެން ކަމަށާއި، މިއީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އަނބުރާ އަދާކުރަންޖެހޭ ދަރަންޏެއްކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ބައެއް ޓެކުހުން ނަގާ އަދަދުތައް މިހާރުގެ ސަރުކާރުން ބޮޑުކޮށްފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ހަރު މުދަލަކުން ނަތީޖާ ނެރެން އާންމުކޮށް 5 ނުވަތަ 10 އަހަރު ނަގާ ކަމަށެވެ. ނަމަވެސް، ދަރަނި އަނބުރާ ދެއްކުމަށް ލިބިފައިވަނީ އެއަށްވުރެ ކުރު މުއްދަތެއް ކަމަށްވުމުން، މީގެ ތެރޭގައި ނުރައްކަލެއް އަދި ކަންބޮޑުވުންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި އެއް ވައުދަކީ ޓެކްސް ތައާރަފްކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރުމެވެ. ނަމަވެސް އެ ވައުދުފުޅާ ހިލާފަށް ބައެއް ޓެކުހުން ނަގާ އަދަދު ވަނީ އިތުރުކޮށްފައެވެ.