English Edition
Dhivehi Edition
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޕޮލިސް

ސްކޫލްތައް ފެށޭ ވަގުތާއި ނިމޭ ވަގުތު، ކުދިން ބަލާ ގޮސް ސްކޫލް ދޮރުމަތީގައި އުޅަނދުފަހަރު ޕާކުކުރުމަކީ ވަރަށް އާންމުކަމެކެވެ. މިއީ ހަމައެކަނި ޓްރެފިކް ތޮއްޖެހުމެއް ނޫނެވެ. މިއީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާވެސް ގުޅިފައިވާ ސީރިއަސް މައްސަލައެކެވެ. ކޮންމެ ދުވަހެއްގެ ސްކޫލް ފެށޭ ވަގުތާއި ނިމޭ ވަގުތަކީ މަގުމަތީގެ ހަލަބޮލިކަން އެންމެ ބޮޑުވާ ވަގުތެވެ. ގިނަ ބެލެނިވެރިން ބޭނުންވަނީ ކުއްޖާ ގޮވައިގެން ސައިކަލް ނުވަތަ ކާރުގައި ގޮސް ސްކޫލުގެ މައި ދޮރުމައްޗަށް މަޑުކޮށްލާށެވެ. ނުވަތަ ކުއްޖާ ނިކުންނަން ދެން ދޮރުމަތީގައި ޕާކުކޮށްގެން ތިބޭށެވެ.

ސްކޫލް ހުންނަ މަގުތަކަކީ އާންމުކޮށްވެސް ހަނި މަގުތަކަކަށް ވާއިރު، ދޮރުމަތީގައި އުޅަނދުތައް ގިނަވަގުތު ބަހައްޓައިގެން ތިބުމުގެ ސަބަބުން މުޅި މަގުގެ ދަތުރުފަތުރަށް ހުރަސްއެޅި، ފަހަތުން އަންނަ އެހެން އުޅަނދުތަކަށް ކުރިއަށް ނުދެވި މަގު ބަންދުވެއެވެ. މަގުމަތި ތޮއްޖެހުމުގެ ސަބަބުން ހިނގާފައި އުޅޭ ކުދިންނަށާއި ބެލެނިވެރިންނަށް މަގު ހުރަސްކުރުމަށް ދަތިވެއެވެ. އަދި އުޅަނދުތަކުގެ ދޭތެރެއިން ކުދިން ދުވެފައި ނިކުތުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވެއެވެ.

މާލޭ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ

މީގެ އިތުރުން މަގު ބަންދުވުމުގެ ސަބަބުން ބަރުގޮނު އެޅުމާއި، ޒުވާބުކުރުމާއި، މަގުމަތީގެ އަދަބުތަކާ ހިލާފުވުން އިތުރުވެއެވެ. މީ ވަރަށް ގިނަ މީހުން ވިސްނާލާކަމަކަށް ނުވި ނަމަވެސް އުޅަނދުތައް ނިއްވާނުލާ ގިނައިރު ހިންގާފައި ބެހެއްޓުމުގެ ސަބަބުން ދުމާއި ވިހަ ގޭސްތައް ބޭރުވެ، ސްކޫލް ސަރަހައްދުގެ ވައި ނުސާފުވެފެވެ.

މިކަމަކީ ހަމައެކަނި ފުލުހުންނަށް ނުވަތަ ސްކޫލަށް އެކަނި ހައްލުކުރެވޭނެ ކަމެއް ނޫނެވެ. މިއަށް ބޭނުންވަނީ އެންމެންގެ އެއްބާރުލުމެވެ. ސްކޫލް ދޮރުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުމަކީ އަޅާނުލާ ދޫކޮށްލެވޭނެ މައްސަލައެއް ނޫނެވެ. އަޅުގަނޑުމެންގެ އަމިއްލަ ފަސޭހައަށްވުރެ، މަގުމަތީގެ ސަލާމަތާއި އަދި އެހެން މީހުންގެ ހައްގުތަކަށް އިސްކަންދޭންޖެހެއެވެ. ބެލެނިވެރިންގެ އަމަލުތައް ބަހައްޓާ ގޮތަކީ ދަރިވަރުންނަށް ފެންނާނެ އެންމެ ބޮޑު ނަމޫނާއެވެ. އެހެންކަމުން، މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، ނަމޫނާ ބެލެނިވެރިއަކަށް ވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.