އެއީ 2004 ވަނަ އަހަރެވެ. ކަބްސް ކައުޓެއްގެ ގޮތުގައި ސްކޫލުގައި އުޅެމުން އައިސް އަލަށް ސްކައުޓް ކަމުގެ ހުވާކޮށް އެ ޖޯޝާއި ފޯރީގައި އުޅުނު ދުވަސްވަރެވެ. އެ އަހަރު ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖެއިން ތައިލޭންޑުގައި އޮތް ސްކައުޓް ޖަމްބަރީއެއްގައި ބައިވެރިވާން ބޭނުން ސްކައުޓުންނަށް ފުރުސަތު ހުޅުވާލިއެވެ. ސްކައުޓެއްގެ ގޮތުގައި އުޅެ މަސައްކަތްކުރުމަށް އޭރު އަހަރެން ހުރި ޖޯޝާއި ފޯރީގެ ސަބަބުން މަންމަ އެ ޖަމްބަރީއަށް އަހަރެން ފޮނުވަން އެއްބަސްވެ ނަން ނޯޓު ކުރިއެވެ. ފުރަތަމަ މައުލޫމާތު ލިބުނު ގޮތުގައި އެއީ ހުރިހާ ހަރަދެއް ހިލޭ އިން ދަތުރެއް ކަމުގައިވީ ނަމަވެސް ފަހުން ތިން ސަތޭކައެއްހާ ޑޮލަރު ދައްކަން ޖެހޭކަން ބެލެނިވެރިންނަށް ސްކޫލުން އެންގިއެވެ. އެހިސާބުން އަހަރެން ދެކެމުން އައި ޖަމްބަރީ އަށް ދިއުމުގެ އިތުރުން ސްކައުޓުގައި ދެވޭ އިތުރު ބެޖުތަކެއް ހޯދައި އެމަސައްކަތުން ކުރިއެރުންތަކެއް ހޯދުމުގެ ފުރުސަތު ހަނިވެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުވަފެން ބިލާހަކަށްވެ ނިމުމަކަށްއައެވެ. އޭރުގެ މާލީ ހާލަތު ދަތިވުމުގެ ސަބަބުންނެވެ. އެކަމުގައި ފައިސާގެ އެހީތެރިކަން ދޭނެ ފަރާތްތަކެއް ނެތުމުގެ ސަބަބުންނެވެ. އޭރު ސްކޫލުގެ އިތުރު ހަރަކާތްތަކާއި މުނާސަބަތުތަކަށް ބެލެނިވެރިންގެ އަތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހުނެއް ކަމަކު އެތައް އަހަރެއް ތެރޭގައި ދައްކަން ޖެހުނު ހަމަ އެކަނި ފައިސާވެސް ދެއްކެން ނެތީއެވެ.
އެހެން ނަމަވެސް މިއަދުގެ ހާލަތަށް ވިސްނާލަމާތޯއެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކާއި ފާހަގަކުރެވޭ މުނާސަބަތުތަކުގެ އިތުރުން ސްކޫލުގައި ދުވަސްތައް ފާހަގަކުރުމަށް އަހަރެއްގެ މައްޗަށް ބެލެނިވެރިއެއްގެ އަތުންދާ ހަރަދު ތިންސަތޭކަ ޑޮލަރަށް ވުރެން މާބޮޑުވާނެކަން ޔަގީނެވެ. މިއަދު ބެލެނިވެރިންގެ އަތުން ސްކޫލުގެ ކުރިން މިދެންނެވުނު ފަދަ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް އަތުން ދާ ޙަރަދަކީ އެކަމާއި މެދު ވިސްނާ ފިކުރުކޮށްފި މީހަކު ހައިރާން ނުވާނޭ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިޙަރަދު ކުރަންޖެހޭ ފައިސާގެ ސަބަބުން ބެލެނިވެރިންގެ ހިތުގައި ކެކިއަރާ އުދާސްތަކަކީ ހަމައެކަނީ ފައިސާ ޚަރަދު ކުރަން ޖެހުމުން އުފެދޭ އުދާސްތަކެއް ނޫނެވެ. އެ އުދާސްތަކުގެ ކެކުޅުމާއި ވޭން އެއަށް ވުރެން ހިތްދަތިވެފައިި ވޭން ބޮޑެވެ. އެ ޙަރަދުކުރާ ފައިސާތަކުގެ ސަބަބުން ބައެއް ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލުތަކާއިއެ ދަރިވަރުން ކުރިމަތިލާންޖެހޭ ކަންތައްތަކަކީ އެއްވެސް ބެލެނިވެރިއެއްގެ ހިތަށް ކުޅަދާނަވެގެންވާ ކަންތައްތަކެއް ނޫނެވެ.
“ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔައީ އެއް ދަރިވަރަކު އަނެއް ދަރިވަރަށް ހަދިޔާ ބަދަލުކުރުން. އަޅުގަނޑުގެ ދަރިފުޅު ގެންދިޔައީ އޭނާގެ އެކުވެރިޔާ ގަޔާވާނެފަދަ ހަދިޔާއެއް. އަގުބޮޑެއް ކަމަކު ކުޑަކުދިންގެ ދުވަސްވީމަ ބޭނުންވީ ދަރިފުޅުވެސް އުފާކޮށްލަދޭން އެ ގަންނަން. އަޅުގަނޑުގެ ދަރިފުޅަށް ބަދަލުގައި ލިބުނީ ކަތުރެއް. މުޅި ދުވަހު އެހުންނަނީ އެކަމާއި މާޔޫސްވެ ހިތްދަތިވެފައި.” މިއަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދަރިވަރުންގެ މެދުގައި ހަދިޔާ ބަދަލުކުރުން ކުރިއަށް ގެންދިޔަ ސްކޫލެއްގެ ބެލެނިވެރިއެއް ކިޔައިދިނެވެ.
ބެލެނިވެރިޔާގެ އަޑުގައިއިން ކެކުޅުމާއި ވޭން ކިޔުންތެރިންނަށް އަޑު އިވުނު ނަމަ ދަރިވަރާމެދު މިހާރަށްވުރެން ތިވާ ހަމްދަރުދީ ބޮޑުވާނެ ކަން އަޅުގަނޑަށް ޔަގީނެވެ. ކަތުރަކީ ދަރިވަރަކަށް ދެވޭނެ ވަރަށްވެސް ރަނގަޅު ހަދިޔާއެކެވެ. އެހެން ނަމަވެސް އެއަށްވުރެން ފުންކޮށް މިކަމާއި މެދު ވިސްނާލާށެވެ. އެއް ބެލެނިވެރިޔާ ދަރިފުޅު ހަދިޔާއަކަށް އޭނާގެ އެކުވެރިޔާއަށް ދިނުމަށް ކަތުރެއް ގަނެ އަނެއް ބެލެނިވެރިއަކު ބޮޑު އަގު ދިނުމަށްފަހު ހަދިޔާ ގަތުމަށް މަގުފަހިވުމުގައި އެހެން ބައެއްގެ އިހުމާލު މިކަމުގައި އެބަވެއެވެ. ހަދިޔާ ބަދަލުކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކެއް ކަނޑައެޅިނަމަ އެއްކަލަ ދަރިވަރު ލިބުނު ހަދިޔާއާއި މެދު ހިތްހަމަނުޖެހެން މެދުވެރިވުން ކުޑަކުރެވިގެންދާނެއެވެ. އެގޮތުން ދެވޭ ހަދިޔާގެ އަގަކީ ވަކި މިންވަރެއް ކަމުގައި ކަނޑައެޅިދާނެއެވެ. ނުވަތަ ދޭން ޖެހޭ ހަދިޔާއަކީ ސްކޫލުގައި ބޭނުންކުރެވޭ އެއްޗެއްތޯ، އާންމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ އެއްޗެއްތޯ ނުވަތަ ކުޅޭ އެއްޗެއްތޯ ކަނޑައެޅިފައި އޮތްނަމަ އެއްކަލަ މައްސަލަ ނިކުތުން ދުރުވެގެންދާނެއެވެ. އެ ދަރިވަރަކީވެސް ކުޑަކުއްޖެއްކަން ދަނެ ކުޑަކުދިންގެ ވިސްނުމާއި ހިތްހަމަޖެހުމާއި ގުޅޭ މިންގަނޑުތަކެއް ކަނޑައެޅުން މުހިންމެވެ.
“ހުރިހާ ދަރިވަރުން ހަމަހަމަވެ ބާކީ ނުވާނޭ އުސޫލަކުން ކަންތައް ކުރަން ސްކޫލްތަކުން އެބަޖެހޭ. ދުވަހެއް ފާހަގަކުރުމުގެ ގޮތުން ކުލަ ތަކެއް ބުނެފަ އަންގަފާނެ އެކުލަ ތަކުން ހެދުން އަޅައިގެން އަންނަން. މިއަށްވުރެން މިކަންތައް ތަފުސީލުވާން އެބަޖެހޭ. ޕާޓީ ހެދުމެއްތޯ، ގަމީހާ ފަޓުލޫނުތޯ، ޖީންސާއި ސޯޓު ފަދަ އެއްޗެހީގައިތޯ. މިހާރު އެއްކުއްޖާ ޖިންސުގައި ގޮސްފައި އަނެއް ކުއްޖާ ޕާޓީ ހެދުމެއްގައި ގޮސްގެން އެކުދިން ކުރިމަތިލާ ފުރައްސާރަވެސް ވަކި މަދެއް ނޫން.” ބެލެނިވެރިއެއް ކިޔައިދިނެވެ.
އެކި މިޒާޖުގެ އެކި ފަންތީގެ ތަފާތު ކުދިން އެއް ކުލާހެއްގައި ތަޢުލީމު ހޯދައި އިރު ގަނާކުރުމާއި ފުރައްސާރަ އަކީ ދަރިވަރުން ވަރަށް ގިނައިން ކުރިމަތިލާ ކަމެކެވެ. ލައިގެން ދެވޭ ހެދުމަކުން، ބޮލުގެ އިސްތަށިގަނޑު ގަތާލެވިފައި އިންނަ ގޮތަކުން ނުވަތަ މިފަދަ އެހެން ކަންތައްތަކާއި ގުޅިގެންވެސް ގިނަ ދަރިވަރުންތަކެއް ގަނާގެ ޝިކާރައަކަށްވެފައިވާ ކަމެއް އޅުގަނޑުމެން އެންމެންވެސް އެއްބަސްވަމެވެ. ވީމާ މިފަދަ ކަންތައް ދުރުކުރުމުގައި މުދައްރިސުން އިތުރަށް ހުށިޔާރުވާންޖެހެއެވެ. ތަފުސީލު ދެވެން އޮންނަ ކަންތައް ނުވަތަ މިންގަނޑުތައް ކަނޑައެޅެން އޮންނަ ކަންތައްތަކުގައި އެގޮތަށް އަމަލުކުރުމުން ހަމަހަމަކަން ގާއިމުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. ސްކޫލުގައި ޔުނިފޯމެއް ލުމުގެ މަގުސަދަކީ ހުރިހާ ދަރިވަރުންނަކީ ހަމަހަމަ ބައެއް ކަން ސާބިތުކޮށްދިނުން ކަމުގައިވާއިރު އާދައިގެ ހެދުން އަޅައިގެން ދަރިވަރުން ސްކޫލަށް ހާޒިރުވުމުގައިވެސް ދެވޭ އިރުޝާދަކީ ދަރިވަރުންގެ ހަމަހަމަކަން ސާބިތުކުރެވިގެންދާނެ ކަންތައްތަކެއް ކަމުގައި ހެދުން މުހިންމެވެ.
“އިއްޔެ ސްކޫލް ޓީޗަރު ގުޅާފައި އަންގަނީ ކޮންމެ ދަރިވަރަކުވެސް 10 ފުއްޕާހަން ފުއްޕައިގެން ގެނެސް ސްކޫލަށް ހަވާލުކުރަން. ފަހުން މެސެޖުކޮށްފައި އަނެއްކާ އަންގައިފި ވަކި ކަހަލަ ވަކި ވަރަކަށް ހެދިކާ ގެންނަން. މިއީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން. ދަރިވަރުންނަށް އަންނަ މިފަދަ ހަމައެކަނި ދުވަސް. އަޖައިބުވެއްޖެ. އެކުދިންގެ ދުވަސް ސްކޫލުގައި ފާހަގަކުރަން އަހަރެމެން އަތުން ޙަރަދު ކުރިއަސް މިހަމަ އެކުދިން މަސައްކަތް ކުރުން ފަދަކަމެއް. މިއީ ދެން އުފަންދުވަހު އަމިއްލައަށް ކޭކެއް ގަނެގެންއައިސް އަމިއްލަ އަށް އުފަންދުވަހުގެ ލަވަ ކިޔައިފަ އެ ކޭކު އެކަނި އަމިއްލައަށް ފެޅުން ކަހަލަ ކަމެއްނު؟ ކީއްތަވާނީ ސްކޫލުން މިދުވަސް އެކުދިންނަށް ފާހަގަކޮށްދިނިއްޔާ؟” ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ އިންތިޒާމުތައް ސްކޫލަކުން ހަމަޖެއްސި ގޮތާއި މެދު ހިތްހަމަ ނުޖެހިފައި އިން ބެލެނިވެރިއެއް ކިޔައިދިނެވެ.
މިއީ އެއްވެސް ހާލެއްގައި މުދައްރިސުން ނުވަތަ ސްކޫލެއްގެ މުވައްޒިފުން ދަރިވަރުންގެ އެކި ކަންކަން ފާހަގަކުރުމުގައި ހޭދަކުރާ ޙަރަދާއި މަސައްކަތް މަދެކޭ ނުވަތަ ނުކުރެއެކޭވެސް ބުނަނީކީ ނޫނެވެ. އެހެން ނަމަވެސް އެ ބެލެނިވެރިޔާ އެހެން ބުނަން ޖެހުނު ސަބަބުތަކެއްވެސް ވާނެތާއެވެ. މުދައްރިސުންގެ ދުވަސްވެސް ފާހަގަކުރުމުގައި ބެލެނިވެރިންގެ އަތުން ބޮޑެތި ޙަރަދުތަކެއް ދާތީވީމަ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އެ މުނާސަބަތުގައި ދަރިވަރުން ބައެއް ސްކޫލްތަކުގައި މުދައްރިސުންނަށް ހަދިޔާދޭ ފަދައިން ކުޑަކުދިންގެ ދުވަހު ދަރިވަރުންނަށް މުދައްރިސުން އެދުވަސް ހާއްސަކޮށް ފާހަގަކޮށްދޭނެ ކަމުގައި އެ ބެލެނިވެރިޔާ އުއްމީދު ކުރަނީ ކަމުގައިވެސް ފަހަރެއްގައި ވެދާނެއެވެ. ނުވަތަ މިފަދައިން ބެލެނިވެރިން އެކަންތައް ކުރުމުންވެސް އެކަމުން ނިކުންނަ ނަތީޖާ އެންމެ ހިތްހަމަ ނުޖެހެނީ ކަމުގައިވެސް ވުން އެކަށީގެންވެއެވެ.
“ގަބޫލުކުރަން މިހުރިހާ ދުވަސްތަކާއި ހަފްތާތައް ފާހަގަ މިކުރަނީ ދަރިވަރުންގެ ވިސްނުން އިތުރަށް ފުޅާކޮށް ކުރިއަރުވަންކަން. ދަރިވަރުން ދުނިޔެއަށް ލޯހުޅުވައި ހަރުދަނާ އަދި ޒިންމާދާރު ދަރިވަރުންތަކަކަށް ހެދުމުގެ މަގުސަދުގައި ކަންވެސް. މިކަންތައް ކުރުމާއި އެއްވެސް ހާލެއްގައި ދެކޮޅު ހަދަނީއެއް ނޫން. އެކަމަކު މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ކުރިން ބެލެނިވެރިން އެކަންތައްތަކާއި ދެކޭ ގޮތާއި ކިހާ ކުލަގަދަކޮށްތޯ ފާހަގަކުރަން ބޭނުންވަނީ މަޝްވަރާކުރުން ވަރަށް މުހިންމު ކަމުގައި ދެކެން.” މުނާސަބަތުތައް ފާހަގަކުރުން މިހާރަށް ވުރެން ހަރުދަނާ ކުރަންޖެހޭ ކަމުގައި ދެކޭ ބެލެނިވެރިއެއް ކިޔައިދިނެވެ.
ސްކޫލްގެ ހެޔޮ ސަގާފަތެއް އުފެއްދުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. ދަރިވަރުގެ ތަޢުލީމުގައި ބެލެނިވެރިން ބައިވެރިކުރުމުން، ސްކޫލާއި އެ ސްކޫލުން ޚިދުމަތްދޭ އާއިލާތަކުގެ މެދުގައި އެއްބައިވަންތަކަމުގެ އިޙްސާސެއް އުފެއްދުމަށް އެހީތެރިވެދެއެވެ. އެއީ މިކަމުގައި ބައިވެރިވާ އެންމެންނަށް އެއްބާރުލުންދީ އެއްބާރުލުންދޭން ހިތްވަރުދޭ މާހައުލެއް އުފެދި، އާޚިރުގައި ދަރިވަރުންނަށް ފައިދާހުރި ކަމެކެވެ. ސްކޫލް ނިޒާމު ޖުމްލަކޮށް ރަނގަޅު ކުރުމަށް ބެލެނިވެރިންނަށް ޙިއްޞާ ވަރަށް ބޮޑަށް ބޭނުން ހިފިދާނެއެވެ. ސްކޫލް ބައްދަލުވުންތަކާއި، ކޮމިޓީތަކާއި، ނިންމުންތައް ނިންމުމުގެ އެހެން ޕްރޮސެސްތަކުގައި ބެލެނިވެރިންނަށް ބައިވެރިވުމުގެ ފުރުސަތުދީ ބެލެނިވެރިން ބައިވެރިވުމުން، ދަރިފުޅުގެ ތަޢުލީމަށް އަސަރުކުރާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ބައްޓަންކުރުމުގައި ބެލެނިވެރިންނަށް ބަސް ބުނެވޭނެއެވެ. މިއީ ހުރިހާ ދަރިވަރުންގެ ބޭނުންތަކަށް ރަނގަޅަށް ފުއްދައިދޭ ސްކޫލް ނިޒާމަކަށް ޖަވާބުދާރީވެ، ފައިދާހުރި ނިޒާމެއް ގާއިމްކުރެވިދާނެ ކަމެކެވެ.
މިގެނެސްދެވުނީ ބައެއް ސްކޫލްތަކުން މުނާސަބަތުތައް ފާހަގަކުރުމުގައި އަމަލު ކުރާ ގޮތުގެ ވަރަށް ކުޑަ މިންވަރެކެވެ. މިފަދައިން އަމަލު ކުރަމުން އަންނަ ސްކޫލްތައް ހުރި ކަމުގައިވީ ނަމަވެސް ދަރިވަރުންގެ އިހުސާސްތަކަށް ހާއްސަ ސަމާލުކަމެއްދީ ބެލެނިވެރިންނާއި ގުޅިގެން ދަރިވަރުންނާއި ގުޅުން ހުރި މިފަދަ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާ ސްކޫލްތައްވެސް ދިވެހިރާއްޖޭގައި ވަރަށް ގިނައެވެ. އެގޮތުން ދަރިވަރުންނަށް ހަމަހަމަ ކަމާއި އެއްބައިވަންތަކަން އިހުސާސްކުރެވޭނެ އަދި ބެލެނިވެރިންގެ ޖީބަށްވެސް ލުއިވާނެ ފަދައިން ކަންތައް ނިންމައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ކިބައިން ފެންނަ އަޙުލާގީ މިންގަނޑުތައް ރަނގަޅުވެފައި އެ ދަރިވަރުން އުފާވެރިކަމަށް މިފަދަ ކަންތައްތަކާއި ގުޅިގެން ހެދިފައިވާ ބޭރުގެ ވަރަށް ގިނަ ދިރާސާތަކުންވެސް ދައްކައެވެ.
ލިޔުމުގެ ފެށުމުގައި މިގެނެސްދިނީ މާކުރީގެ ވާހަކައެއް ކަމުގައިވީ ނަމަވެސް އެއީވެސް ދަރިވަރުންތަކެއް މޮޅަށް ކިޔަވާ މަތީ ކާމިޔާބުތަކެއް ހޯދަމުން އައި ޒަމާނެކެވެ. އޭރުގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއާ އަޅާ ބަލާއިރު ފައިދާހުރި އެތައް ގިނަ ބަދަލުތަކެއް މިހާރުގެ ތައުލީމީ ނިޒާމަށްވަނީ ގެނެވިފައެވެ. ފަހަރުގައި އޭރާއި މިހާރާއި ހުރި އެންމެ ބޮޑު އެއް ތަފާތަކީ ކިޔެވުމުގެ ފެންވަރު ރަނގަޅުވެ ކިޔަވައިދިނުމުގައި ބޭނުންކުރާ އުކުޅުތައް ތަރައްގީވެ މުދައްރިސުންގެ ފެންވަރު ރަނގަޅުވުމެވެ. އެހެން ނަމަވެސް ބެލެނިވެރިންގެ އަތުން ދާ ޙަރަދާއި ދަރިވަރުންގެ ނަފުސާނީ ސިއްހަތަށާއި އެ ދަރިވަރުންގެ އަޙުލާގަށް ސްކޫލް މާހައުލުން ކުރިއަށް ވުރެން މާބޮޑަށް މިހާރު އަސަރުކުރާ ކަމަށް ދެކޭ ބެލެނިވެރިންވެސް މަދެކޭ ނުދެންނެވޭނެއެވެ. މިއީ ސިޔާސަތުތައް ކަނޑައަޅައި ފަރާތްތަކުން ވިސްނަންޖެހޭ ކަމެކެވެ. ކަނޑައަޅައި ކޮންމެ ސިޔާސަތަކަށް އަމަލުކުރާ މުދައްރިސަށްވުރެން ދަރިވަރުގެ މުސްތަގުބަލާއި ސިއްހަތަށް ވިސްނާ މުދައްރިސަކީ ދަރިވަރުންނަށް މާ ފައިދާހުރި އަދި މުހިންމު މުދައްރިސެކެވެ. އެޅިހާ ބަތަކަށް ރިހަ އަޅައިގެން ކަންކަން ބަދަލުކުރެވޭނެ ދުވަސް މާޒީވެ ގޮއްސިއެވެ.