English Edition
Dhivehi Edition
މުހައްމަދު ހިޒްޔަމް ހާމިދު

ސ.އަތޮޅު މަދަރުސާގެ ކެޕްޓަންކަމަށް މުޙައްމަދު ހިޒްޔަމް އައްޔަންކޮށްފިއެވެ.

އެ މަދަރުސާގައި އިއްޔެ ބޭއްވި ދަރަޖަ ދިނުމުގެ ރަސްމިއްޔާތުގައި ހިޒްޔަމްއާ މަޤާމް ޙަވާލުކުރިކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ އައިމިނަތު ޒީނިޔާއެވެ.

ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންގެ މަޤާމަށް ފާޠިމަތު މާޔާ ޝަރީފް އައްޔަންކޮށްފައިވާއިރު އެކްޓިވިޓީސް ކެޕްޓަންކަމުގެ މަޤާމަށް އައްޔަން ކޮށްފައިވަނީ އީނާ ހުސައިން މުޙައްމަދެވެ. ޑެޕިއުޓީ ކެޕްޓަނާއި އެކްޓިވިޓީސް ކެޕްޓަނަށްވެސް ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ސްކޫލްގެ ޕްރިންސިޕަލެވެ.

އިއްޔެގެ ޚާއްޞަ ރަސްމިއްޔާތުގައި ސްކޫލްގެ ހައުސްތަކާއި ކްލަބްތަކުގެ އިސް މަޤާމުތަކަށް އިންތިޚާބުކުރެވުނު ދަރިވަރުންނަށްވެސް ވަނީ އެކަމުގެ ލިޔުން ޙަވާލުކޮށްފައެވެ. ހަމައެހެންމެ، ސްކޫލްގެ ޖޫނިއަރ ޕްރިފެކްޓުންނާއި ސީނިއަރ ޕްރިފެކްޓުންގެ މަޤާމަށް ހޮވުނު ދަރިވަރުންނަށްވެސް މަޤާމުގެ ލިޔުންވަނީ ޙަވާލުކޮށްފައެވެ.

އެކިއެކި މަޤާމްތަކަށް އިންތިޚާބުކުރެވުނު ދަރިވަރުންނަށް ހުވައި ލައިދެއްވީ ސްކޫލްގެ އިސްލާމް މުދައްރިސް އަލްފާޟިލް އަލީ އަންވަރެވެ.

ޕްރިންސިޕަލް ގެ ވާހަކަފުޅުގައި ސްޓޫޑޭންޓް ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާ ގުޅޭ ގޮތުން ވާހަކަ ފުޅުދެއްކެވިއެވެ. އަދި ސްކޫލްގައި ހަނގާކުރުން މަދުކުރުމަށް މަސައްކަތް ކޮށްދިނުމަށް މަގާމުތަކަށް ހޮވުނު ދަރިވަރުންގެ ކިބައިން އެދި ލެއްވުމާއެކު ހެޔޮ ގޮތުގައި ވިސްނައި، އެހެން ކުދިންނަށް ، ނަމޫނާ ދަރިވަރުންނަށް ވުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ.

މަޤާމާ ޙަވާލުވުމަށްފަހު ސްކޫލް ކެޕްޓަން ހިޒްޔަމް ދެއްކެވި ވާހަކައިގައި ސްކޫލްގެ ލީޑަރުން ކުރި ހުވައާ އެއްގޮތަށް ޢަމަލުކުރުމަށް ނަޞޭޙަތްތެރިވިއެވެ. . އަދި އައު ޢާންމު ޙާލަތުގައިވެސް ކިޔެވުމަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތްކުރުމަށް ދަރިވަރުން ިތްވަރުދީ ސްކޫލާމެދު ހިޒްޔަމްގެ އޮތް ތަޞައްވުރާއިގެން ކުރިއަށްދާނޭކަމުގެ ޔަޤީންކަން ދިނެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ރަސްމިއްޔާތު ސްކޫލުން ބާއްވާފައިވަނީ އައު އާންމު ޙާލަތުގެ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެގޮތުން އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ މަޤާމް ލިބޭ ދަރިވަރުންނާއި، ސްކޫލްގެ އިސް ޓީޗަރުން އެކަންޏެވެ.

ސ.އަތޮޅު މަދަރުސާއަކީ ދަރިވަރުންގެ ލީޑަރޝިޕް ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކޫލެކެވެ.