ދިވެހިންގެ ސަގާފީ އަދި އިޖުތިމާއީ ދިރުންތަކުގެ ތެރެއިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް މުނާސަބަތަކީ ބޮޑު އީދު (އަޟްޙާ އީދު) އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފޯރި ނަގަމުންދާއިރު، އައްޑޫ ސިޓީ މަރަދޫ އަކީ އަބަދުވެސް އީދުގެ ފޯރިއާއި، އެއްބައިވަންތަކަމުގެ ނަމޫނާ ދައްކުވައިދޭ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. އީދު އައުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަފާތު އަޑުތަކާއި ކުލަތައް ފެނިގެންދެއެވެ. ނަމަވެސް، މުޅި ރަށް އެކީގައި އެއްރޫހެއްގައި ނުކުމެ، ކުދިބޮޑު އެންމެން ގުޅިގެން ނަގާ އީދު ފޯރީގެ ‘އަސްލު’ ތަޖުރިބާކޮށްލަން ބޭނުން ނަމަ އަދި އީދުގެ ފޯރި އަސްލު ބަލާލަން ބޭނުން ނަމަ ހަމަ ދާންވީ މަރަދޫ އަށެވެ.
މަރަދޫ އީދުގެ އެންމެ ހާއްސަ އެއް ކަމަކީ، އީދު އައުމުގެ އެތައް މަހެއް ކުރިން ރަށުގެ ޒުވާނުންނާއި އިސްރަށްވެހިން ގުޅިގެން ހާއްސަ “އީދު ކޮމިޓީ”އެއް ހަދައިގެން މަސައްކަތް ފެށުމެވެ. އީދު ފާހަގަކުރުމަށް ބޭނުންވާ ފަންޑު ހޯދުމާ، ރަށުތެރެ ސާފުކޮށް، ކުޅިވަރު ކުޅޭ މައިޒާންތައް ތައްޔާރުކުރުމަށް ދުރާލާ މަސައްކަތް ފަށައެވެ.މިއީ ހަމައެކަނި ކުޅިވަރު ކުޅުމެއް ނޫނެވެ.
މިއީ މުޅި ރަށުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރާ ބޮޑު މަޝްރޫއެކެވެ. ކޮންމެ ގެއަކުން ކޮންމެ ގުރޫޕަކުންވެސް މަސައްކަތް ކުރަނީ އެކުވެރިކަމާއި އެކު އެއް ރޫހެއްގައެވެ. މަރަދޫ އަކީ އީދުގެ ހަރަކާތްތައް ވަރަށް ކުރިންސުރެ ރޭވުންތެރިކަމާއެކު، މުޅި ރަށް އެކަމެއްގައި ބައިވެރިވެގެން ކުރިއަށްގެންދާ ރަށެކެވެ. ރަށުގެ ޒުވާނުންނާއި، ކުދިބޮޑު އެންމެން ނުކުމެ ރަށް ދިއްލާލައި، ކުލަގަދަ ހަރަކާތްތަކުން މުޅި މާހައުލު ފަވާލައެވެ.

އީދަށް ރަށަށް އަންނަ މެހުމާނުންނަށް ކިޔާ ހޫނު މަރުހަބާ ކިޔުމާއި، ކޮންމެ ގެއަކުންވެސް ކާތަކެތި ތައްޔާރުކޮށް، އީދު ސައިގެ ފޯރި މުޅި ރަށުގައި ހިފާލާފައި އޮވެއެވެ. އާއިލީ ގުޅުންތައް އާލާކުރުމާއި، އެކުވެރިކަން ބަދަހިކުރުމުގެ ރޫހު މަރަދޫއިން ފެންނަނީ ވަރަށްވެސް ނަމޫނާ ގޮތަކަށެވެ. އީދަށް އެންމެ ފުރަތަމަވެސް މަރަދޫއިން ފެންނާނީ ހިތްގައިމު މަންޒަރެކެވެ.
ރަށުގެ ބޮޑެތި މަގުތަކާއި ކުލަކުލައިގެ ބޮކިތަކުން ދިއްލާފައިވާ މަންޒަރެވެ. އީދުގެ ކުޅިވަރުތައް ބާއްވާ ބަދަރުމަތި ސާފުކޮށް، ޒީނަތްތެރިކޮށް ދިއްލާފައިވާއިރު އެއީ މުޅި އެ ސިޓީގެ ހުރިހާ ރައްޔިތުންވެސް އެ މާހައުލަކުން އުފާވެރިކަން ލިބޭ މާހައުލެކެވެ. މަރަދޫ އީދުގެ އެންމެ ‘ރަހަގަދަ’ އެއް ބަޔަކީ ރަށުގެ ބާއްވާ ބޮޑު އީދު ސަޔެވެ. މިއީ ހަމައެކަނި ސައެއް ނޫނެވެ.މިއީ މަރަދޫ ކަނބަލުންގެ ކެއްކުމުގެ ހުނަރު ދައްކާލާ ބޮޑު ސުފުރާއެކެވެ. އައްޑޫގެ ހާއްސަ ތަފާތު ވައްތަރުގެ ހެދިކާތަކުން ފުރާލާފައިވާ މި ސުފުރާއަށް ރަށުގެ އެންމެންނާއި ބޭރުން އަންނަ ހުރިހާ މެހުމާނުންނަށް ހިލޭ ދައުވަތު ދެއެވެ. މިއީ ކުދިބޮޑު އެންމެން އެއްތަނަކުން ބައްދަލުވެ، އީދު މުބާރަކް ބުނެލަން ލިބޭ އެންމެ ހިތްގައިމު ފުރުސަތެވެ.
މަރަދޫ އީދު ހާއްސަވާ އަނެއް ސަބަބަކީ މަރަދޫގައި ބާއްވާ އީދު ކުޅިވަރެވެ. މަރަދޫގައި ބާއްވާ އެންމެ ވާދަވެރި އެއް ކުޅިވަރުކަމުގައިވާ ވާދެމުމުގެ މުބާރާތަކީ މުޅި ސިޓީގެ އެންމެންގެ ލޯ އަމާޒުވެފައިވާ މުބާރާތެކެވެ. ދުރާލާ ރާވައިގެން ޓީމްތައް ހަދައިގެން ޕްރެކްޓިސްކުރާއިރު، މި މުބާރާތުގައި ސަރުކާރުގެ މުވައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، މަސްވެރިން ބައިވެރިވަނީ ފޯރި އާއި އެކުގައެވެ.

ރޭގަނޑު ކުރިއަށް ގެންދާ މި މުބާރާތް ބެލުމަށް މުޅި އެ ސަރަހައްދު ފުރާލާފައިވާއިރު، އެތަނުގައި ވިޔަފާރިތަކަށްވެސް ފަހި ފުރުސަތުތަކެއް ހުޅުވާލާފައިވެއެވެ. ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޓެންޓު ޖަހާ، ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރެވޭނެ ފުރުސަތު ހުޅުވާލާފައިވާއިރު އެތަނުގެ ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދެއެވެ. މީގެ އިތުރުން މަރަދޫގައި ބާއްވާ ރޮނޑާ މަސްރޭހަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލެއްކަމެއް ހޯދާފައިވާ މުބާރާތެކެވެ. ޓީމްތައް ފޯރިއާއި އެކު ދޯނިތައް ހޯދާ މަހަށް ނިކުންނައިރު، މި އިވެންޓު އިންތިޒާމުކުރާ ފަރާތްތަކުން ތިބެނީ މަހުން އަންނައިރު އިންސާފުކުރުމަށް ތައްޔާރުވެގެންނެވެ.
މަރަދޫ ގިނަ ރައްޔިތުން އެންމެ ބޮޑު ތަރުހީބެއް ދެނީ އަދި އެންމެ ފޯރި ހިފަނީ މިއުޒިކާ ނުލާ ކުރިއަށްގެންދާ އީދު ހަރަކާތްތަކުގައިކަން އެގިގެން ދަނީ ފާއިތުވި އަހަރުތަކުގައި އެ އަވަށުގައި ބޭއްވި އީދު ކުޅިވަރުތަކުންނެވެ. މުޅި ރަށް އެއްތަނަކަށް އެއްވެ، ހަމަހިމޭންކަމާއި އުހުއްވަތްތެރިކަމާއެކު އީދު ފެށެގިންދާއިރު މުޅި ރަށުގެ އެންމެން މަގުމައްޗަށް ނުކުމެ ބާއްވާ ބޮޑު އީދު ސަޔަކީ އެއްވެސް މިއުޒިކަކާ ނުލާ، ހަމައެކަނި އާއިލީ އަދި ރަހުމަތްތެރިކަމުގެ ވާހަކަތަކުން ފޯރިގަދަވާ ހަރަކާތެކެވެ. މިއުޒިކާ ނުލާ އީދު ފާހަގަކުރުމުން، އީދުގެ ހަގީގީ ދީނީ އަދި ސަގާފީ ރޫހު އިތުރަށް ދިރިގެންދާކަން ގިނަ ބަޔަކު ގަބޫލުކުރާއިރު އެ ރަށުގައި ފާހަގަކުރާ އީދުގެ ހަރަކާތްތަކުގައި މިއުޒިކް ބޭނުން ނުކުރާކަން ފާހަގަކޮށްލެވެ.

އައްޑޫ ސިޓީ މަރަދޫގެ އީދަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ ދިވެހިވަންތަކަމާއި، އައްޑޫގެ މެހުމާންދާރީގެ ހޫނުކަން އިހުސާސްކޮށްދޭ ދިރިހުރި ސަގާފީ އީދެކެވެ. މާޒީގައި ބޭއްވުނު ކާމިޔާބު ހަރަކާތްތަކަށް ބަލާފައި، ކުރިއަށް އޮތް އީދުތަކުގައިވެސް މަރަދޫއިން ފެންނާނީ މިއަށްވުރެ މާ ފޯރިގަދަ އަދި އާދަޔާ ހިލާފު ކަންތައްތަކެއްކަން ޔަގީނެވެ. އެހެންކަމުން، ހަގީގީ އީދު ފޯރިއެއް ތަޖުރިބާކޮށްލަން ބޭނުންނަމަ، މިފަހަރުގެ އީދު ޕްލޭން މަރަދޫ އަށް އަނބުރާލުން ހަމަ އެންމެ ބުއްދިވެރި ގޮތެވެ.