English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރު (ޗިޅާ) އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އޭނާ އެމްޑީޕީ އަށް ސޮއި ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަަތުރުފުޅުގެ ތެރެއިންނެވެ. އަދި އެމްޑީޕީ އަށް ސޮއި ކުރެއްވުމަށްފަހު، ފޯމު ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެވެ.

އަހުމަދު ނާދިރަކީ އަމިއްލަ ގޮތުން ވާދަކުރައްވައިގެން، ކައުންސިލަރގެ މަގާމަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ.

އޭނާ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން އައްޑޫ ކައުންސިލުގައި ތިއްބަވާ އެމްޑީޕީ ކައުންސިލަރުންގެ އަދަދު އަށަކަށް އިތުރުވާނެ އެވެ. އެއީ މޭޔަރު އަލީ ނިޒާރުއާ އެކު އެވެ.

ތޭރަ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ އައްޑޫ ސިޓީ ކައުންސިލުގައި ދެން ހިމެނިވަޑައިގަންނަވާނީ ޕީޕީއެމްގެ ތިން ކައުންސިލަރަކާއި އަމިއްލަ ދެ ކައުންސިލަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އައްޑޫ ސިޓީއަށް ވަޑައިގެން އުޅުއްވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.