English Edition
Dhivehi Edition
އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުގައި ބޭއްވި ސިޔާސީ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ، މީގެ ކުރިން މި ތިން ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ބޮޑެތި ތުހުމަތުތަކާއި ހިނގާދިޔަ ހާދިސާތައް ހަނދާންކޮށްދެއްވައި، މިއަދު އެ ހުރިހާ ކަމެއް “އޯކޭ” ވެއްޖެ ކަމަށް ވިދާޅުވެ މަލާމާތް ކުރައްވާފައެވެ.

އަބްދުއްރަހޯމްގެ ޕޯސްޓުގައި، މި ތިން ރައީސުންގެ ވެރިކަމުގައި ހިނގާދިޔަ އަދި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި އެޅުވި ބޮޑެތި ހިޔާނާތްތަކާއި ޖަރީމާތައް ލިސްޓު ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެއާޕޯޓާއި ދިރާގު ވިއްކާލުން: ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ބޭރުގެ ކުންފުންޏަކަށް ދިނުމާއި، ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލުން.
  • ޝަރުއީ ދާއިރާއަށް އަތްބޭނުން: ސުޕްރީމް ކޯޓުގެ ތަޅު އެޅުވުމާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު (ޢަބްދުﷲ ގާޒީ) ހައްޔަރުކުރުން.
  • ވައްކަމާއި ހިޔާނާތް: އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި، ކޮވިޑް-19 ގެ ތެރޭގައި ހިނގި ވެންޓިލޭޓަރުގެ ވައްކަން.
  • ސިޔާސީ ނުފޫޒާއި ދީނީ މައްސަލަތައް: ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމުގެ ތުހުމަތުގެ އިތުރުން އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ.

“މިހިރަ ހުރިހައިކަމެއް ވެސް މިތިއްބެވި 3 ރައީސުންނަށް މިހާރު އޯކޭ. މީ އަދި ކުޑަ މިންވަރެއް. ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،” ޢަބްދުއްރަޙީމް ލިޔުއްވާފައިވެ އެވެ.

ރޭ، ކުރީގެ ތިން ރައީސުން އެކުގައި ބޭއްވި މި ބައްދަލުވުމަކީ، މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ތިން ލީޑަރުންނަކީ ސިޔާސީ ގޮތުން މީގެ ކުރިން ވަރަށް ބޮޑަށް ދެކޮޅުވެރި، އަދި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވެރިކަމުގައި ޖަލަށްވެސް ލެވުނު ބޭފުޅުންނެވެ. ނަމަވެސް، ޕީއެންއެފް އިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ތިން ބޭފުޅުން ވިދާޅުވީ ގައުމުގެ ހައްގުގައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކިބާކޮށްފައިވާ ކަމަށެވެ.