ކުރިއަށް އޮތް ވިހި ވަނަ މަޖިލީހުގެ ރައީސް ކަމުގެމަގާމަށް އޭނާ ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ލ. ފޮނަދޫ ރައްޔިތުންނަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ (އަދިރޭ) ރޭ ނުސީދާ ގޮތެއްގައި ދެއްވައިފިއެވެ.
މަޖިލިސް އިންތިހާބުގައި ލ. އަތޮޅުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އަބްދުރައްހީމް ނިސްބަތްވެވަޑައިގަންނަވާ ލ. ފޮނަދޫގައި އުފާފާޅުކުރުމަށް ރޭ ވޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ އޭނާ “ކޮންމެ މަގާމަކަށް ދިޔަކަމުގައި ވިޔަސް” ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަތިން ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި އޭނާ ވަނީ ސިޔާސީ ގޮތުން މިއަދު އާދެވެފައިވާ ހިސާބަށް އާދެވުމުގެ އަސްލަކީ، ފޮނަދޫގެ ރައްޔިތުން ކަމަށް ވެސް ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ފޮނަދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެންތަކެއް އެބަ އޮތް ކަމަށް އަދި ހަޔާތުގައި ވަރަށް މަދުން ނޫނީ ފުރުސަތެއް ނުލިބޭ ކަމަށާ ބުއްދިވެރިންނަކީ ލިބޭ ފުރުސަތު ހެޔޮ ގޮތުގައި ހިފާ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، އަދި މިއަށް ވުރެ އުފާވެރި ރެއެއް ބަދަލުކުރާނެ ކަމަށާ ނަމަވެސް އެ ވާހަކައިގެ ތަފްސީލަށް ނުދާނެ ކަމަށެވެ.
އަބްދުއްރަހީމް ވަނީ މާ ލަހެއް ނުވެ އަނެއްކާ ވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރު ދެމުން އޭނާގެ ވާހަކަ ނިންމާލާ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުގެ ކެބިނެޓްގެ މުހިންމު ދެ މިނިސްޓްރީއަކަށް ފޮނަދުއަށް ނިސްބަތްވާ ދެ ބޭފުޅުން ރައީސް މުއިއްޒު އައްޔަން ކުރެއްވުމަކީ ސިޔާސީ ގޮތުން ލ. އަތޮޅު ތާރީހު ފުރަތަމަ ފަހަރަށް ބަދަލުވުން ކަމަށް އޭގެ ކުރިން އޭނާ ވިދާޅުވިއިރު، އަނެއްކާވެސް ހައްދުންމަތީގެ ތާރީޚު ބަދަލުވެގެންދާފަދަ އުފާވެރި ރެއެއް އަންނާނެ ކަމަށް އިއުލާނު ކުރެއްވުމުން އެއީ ވެސް މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ އިޝާރާތެއް ކަމަށް ވަނީ ބެލެވިފައެވެ.
އޭގެ އިތުރުން، އަބްދުއްރަހީމްގެ ކާމިޔާބީ ފާހަގަކުރަން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި އިއްޔެ ހަވީރު ބޭއްވި ސައިކަލް ބުރަށް ފަހު ވާހަކަ ދައްކަވަމުން އޭނާގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މަޖިލިހުގެ ރައީސްކަމުގެ ގޮނޑި އަށް ބައްޕަ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.