ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް، ހ. މީނާޒް، ޝަމްއޫން ހަމީދު މިއަދު އައްޔަންކުރައްވައިފިއެވެ۔
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޝަމްއޫން ހަމީދަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. އަދި މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން އޭނާއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ޝަމްއޫންއަކީ މީގެ ކުރިންވެސް އެޗްއާރުސީއެމްގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 އިން 2012 އަށް އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަން ކުރައްވާފައިވާއިރު، 2012 އިން 2016 އަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމުވެސް އަދާކުރެއްވިއެވެ.
މީގެ އިތުރުން، ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓު އެކުލަވާލުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހެދި ގައުމީ ފެންވަރުގެ ދިރާސާތަކުގައިވެސް އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ޝަމްއޫން ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުގައެވެ.