English Edition
Dhivehi Edition
ވެލާނާ ބިލްޑިންގް --- ސަން ފައިލް ފޮޓޯ

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ (ހާމަނައިޒްކުރުމުގެ) ތެރޭގައި މުސާރަ ކުޑަވި މުވައްޒަފުންނަށް، ކުރިއަށް އޮތް މަހުގެ މުސާރައާއެކު އެ މައްސަލަ ހައްލުވެ، މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މުސާރަ ހާމަނައިޒްކުރި އިރު މުސާރަ ކުޑަވެގެން ކަންބޮޑުވުން ފާޅުކުރި މުވައްޒަފުންގެ ތެރޭގައި ލީގަލް މުވައްޒަފުންނާއި، އެޗްއާރް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުން ހިމެނެއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެވަޑައިގެންނެވި ވައުދުފުޅަކީ މުސާރަ ހާމަނައިޒްކުރާއިރު މުސާރަތައް ބޮޑުވެގެންދިއުން ކަމަށެވެ. ނަމަވެސް، ޕޭ ކޮމިޝަނުން މުސާރަ ހާމަނައިޒްކުރުމުގެ މަސައްކަތް ނިންމި އިރު، ބައެއް މުސާރަތައް ބޮޑުވުމުގެ ބަދަލުގައި އެއްވަރުވެ، ބައެއް މަގާމުތަކުގެ މުސާރަ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާކަން ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ 93 އިންސައްތަ މުއައްސަސާ މިހާރު ވަނީ އާ ޕޭ ފްރޭމްވޯކަށް ބަދަލުކުރެވިފައެވެ. ބާކީ ހުރި މުއައްސަސާތައް ވެސް މި ނިޒާމަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.