English Edition
Dhivehi Edition
ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: މުޙައްމަދު ޝަރުހާން

ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ޖޫން މަހުގެ 17 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ “ޖެނެރަލް ކާގޯ” ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށް ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމަންޓެކެވެ. މި ޝިޕްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި، މުދަލުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 5،600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ގަވާއިދާ ހިލާފަށް މި ތަކެތި އެތެރެކުރި މައްސަލަ ކަސްޓަމްސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް އަތުލައިގަންފައި ވެއެވެ. އެފަހަރު ވޭޕްތައް ފެނިފައިވަނީ ޗިޕްސް ދަޅުތަކެއްގެ ތެރެއިންނެވެ. އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެ، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.