English Edition
Dhivehi Edition

ކަކުލުގައި ރިއްސުމަކީ މިހާރު ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ މައްސަލައެއް ނޫނެވެ. އޯތޮޕެޑިކް ސާޖަން ޑރ. ޕަރާގް ސަންޗޭތީ ވިދާޅުވާ ގޮތުގައި، އުމުރުން 30 ގެ އަހަރުތަކުގައި އުޅޭ ޒުވާނުންނަށް މި މައްސަލަ ދިމާވުން ވަނީ އިތުރުވެފައެވެ.

ސިޑިން ފޭބުމުގައި ތަދުވުން

މިއީ ކަކުލުގެ މައްސަލަތަކުގެ އެންމެ ފުރަތަމަ އިންޒާރެވެ. ސިޑިން ފައިބާއިރު ކަކުލަށް ތަދުވުމެވެ. ގިނަ މީހުންނަށް ހީވަނީ ސިޑިން އަރާއިރު ކަކުލަށް ކުރާ ބާރު ބޮޑުވާނެ ކަމަށެވެ. ނަމަވެސް، ކަކުލުގެ މައްސަލަތަކުގައި ގިނަ ފަހަރަށް ކަންތައް ވަނީ އެހެންނެއް ނޫނެވެ. ސިޑިން ފައިބާއިރު ކަކުލުގެ ހުޅަށް ކުރާ ބާރު ތަފާތުވެފައި، ބައެއް ހާލަތްތަކުގައި ކަކުލަށް މާ ބޮޑަށް އުނދަގޫވެއެވެ.

ގިނައިރު އިށީނދެ އިނުމަށްފަހު ހަރުވުން

ގިނައިރު އިށީނދެ އިނުމަށްފަހު ކޮޅަށް ތެދުވާއިރު ކަކުލުހުޅު ހަރުވެފައި ހުރުމަކީ ހުޅަށް އުނދަގޫވާން ފަށާފައިވާ ކަމުގެ ނިޝާނެކެވެ. މިއީ އާންމުކޮށް ކަކުލުގެ މަސްތައް ބަލިކަށިވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ކަކުލުން އަޑުގޮވުމާއި ދުޅަވުން

ކަކުލުހުޅު ހަރަކާތްކުރާއިރު އަޑެއް އިވުމާއެކު ތަދުވާނަމަ ނުވަތަ ކަކުލުހުޅު ތާށިވާހެން ހީވާނަމަ އެއީ ސަމާލުވާންޖެހޭ ކަމެކެވެ. އަދި ކަކުލުހުޅު ކުޑަކޮށް ނަމަވެސް ދުޅަވުމަކީ އިންފްލެމޭޝަން ހުރިކަމުގެ ނިޝާނެކެވެ. މިފަދަ ހާލަތްތަކުގައި ކަސްރަތު ކުރިއަށް ގެންދިއުމަކީ މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ.

ހަރަކާތްތަކަށްފަހު ތަދުވުން

ކަސްރަތު ކުރާ ވަގުތު ތަދުނުވެ، ނަމަވެސް ކަސްރަތުކޮށް ނިމޭތާ ގަޑިއެއްހާއިރު ފަހުން ކަކުލުގައި ރިއްސަން ފަށާނަމަ، އެއީ ކަކުލުގެ ހުޅަށް ލޯޑު ބޮޑުވަނީއެވެ.

މައިގަނޑު ސަބަބުތައް

  • މަސްތައް ބަލިކަށިވުން: ކަކުލުގެ މައިގަނޑު މަސްތައް ބަލިކަށިވުމުން، ހަށިގަނޑުގެ ބަރުދަން ސީދާ ކަކުލުގެ ކާޓިލޭޖަށް ލިބެއެވެ.

  • ބަރުދަން އިތުރުވުން: ހަށިގަނޑުގެ ކޮންމެ 1 ކިލޯއަކީ ހިނގާއިރު ކަކުލަށް ލިބޭ 3-4 ކިލޯގެ ބާރެކެވެ. ސިޑިން ފައިބާއިރު މިއީ 7-8 ކިލޯގެ ބާރެވެ.

  • ނުބައިކޮށް ކަސްރަތުކުރުން: ރަނގަޅު ގޮތް ނޫން ގޮތަށް ސްކޮޓްސް ހެދުމާއި، ހަރު ތަންތަނުގައި ދުވުމަކީ ކަކުލަށް ގެއްލުންވާ ކަންކަމެވެ.

ހައްލަކީ ކޮބައި؟

ޑރ. ސަންޗޭތީ ވިދާޅުވާ ގޮތުގައި އުމުރުން 30 ގެ އަހަރުތަކުގައި މި ފެންނަ ނިޝާންތަކަކީ ފަރުވާދީގެން ރަނގަޅުކުރެވޭނެ ކަންކަމެވެ. މީގެ ތެރޭގައި ހިމެނެނީ:

  1. ފިޒިއޮތެރަޕީ: ކަކުލުގެ މަސްތައް ވަރުގަދަކުރުން.

  2. ބަރުދަން ކޮންޓްރޯލްކުރުން: ކަކުލަށް ކުރާ ބާރު ކުޑަކުރުމަށްޓަކައި.

  3. ސީރިއަސްވުމުގެ ކުރިން ޑޮކްޓަރަށް ދެއްކުން: ތަދު ދެ ހަފްތާއަށްވުރެ ގިނަވާނަމަ ނުވަތަ ދުޅަވާނަމަ ލަސްނުކޮށް ލަފާ ހޯދުން.

ކަކުލުގެ މައްސަލަތައް އިހުމާލުކޮށްފިނަމަ، ފަހުން އޮޕަރޭޝަން ނުވަތަ ކަކުލުހުޅު ބަދަލުކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، 30 ގެ އަހަރުތަކުގައި ކަކުލުން ފެންނަ މި ކުދި ނިޝާންތަކަށް ފަރުވާތެރިވުން މުހިންމެވެ.