English Edition
Dhivehi Edition
ކުރީގެ ރައީސް ނަޝީދު --ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އަންނަނީ ވަރަށް ބޮޑަށް ފަހަތަށް ސޮއްސައިލަމުން ކަމަށެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމަށް ލިބެމުންދާ ދެރައެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރާ ކަމަށެވެ.

“މީޑިއާ ކޮންޓްރޯލް ކޮމިޝަން” މެދުވެރިކޮށް ނޫސްވެރިންނަށް ބިރުދެއްކުމަކީ މިހާރު އާންމު ކަމަކަށް ހަދާފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، މިނިވަންކަމާއެކު މައުލޫމާތު ފެތުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ދޫދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މީގެ އިތުރުން ނަޝީދު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވާފައެވެ.