English Edition
Dhivehi Edition
ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް 2019ގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: އެންއައިއީ

އިސްލާމް ފޮތްތަކުން ޤުރުޢާންގެ އާޔަތްތައް އުނިކުރަން މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކުރިޔަށް އޮތް ދިރާސީ އާ އަހަރަށް ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައިދޭން ބޭނުންކުރާ އިސްލާމާއި ޤުރްއާން މުޤައްރަރު ޗާޕްކުރާއިރު އެ ފޮތްތަކުގައިވާ ޤުރުއާންގެ އާޔަތްތައް އުނިކުރުން ނިންމާފައިވާކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީއަށް ބޮޑެތ ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ،

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، އެކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި، ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް، މަޝްވަރާކުރެވި މިކަން ބަޔާންކޮށް އެންއައިއީ އަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ކުރިން ބުނި ނަމަވެސް، އެ ބުނުން ފަހުން ބާތިލު ކޮށްފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައިވަނީ ބުނެފައެވެ.

މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށް ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ. އަދި އެ ފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް އަމަލުނުކުރަން އެންއައިއީ އަންގާފައިވާނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ބުނީ މިހާރު ނިންމާފައިވަނީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށް ކަމަށެވެ