އޫކްލާގެ ބެސްޓްފިކްސްޑް ނެޓްވޯކުގެ އެވޯޑާއެކު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އިތުބާރު ހުރި ނެޓްވޯކްކަމުގެ މަގާމު އިތުރަށް ހަރުދަނާކޮށްފިއެވެ.
މިއީ ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑުތަކާއި، އުމްރާނީ ތަރައްގީއަށް ކުރަމުން އަންނަ އިންވެސްޓްމަންޓުތަކާއި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުގެ ނަތީޖާކަމަށް އުރިދޫ އިން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންގެ އިތުބާރާއި ލޯތްބާ ގުޅިފައިވާ ކާމިޔާބީއެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މިއީ ސްޕީޑްޓެސްޓް އިން ލިބޭ ހަގީގީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ލިބިފައިވާ އެވޯޑަކަށްވާއިރު އުރީދޫ މޯލްޑިވްސް ވަނީ ވަރުގަދަ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ އުމްރާނީ ވަސީލަތްތަކެއް ބިނާކޮށްފައެވެ. އެގޮތުން ފައިބަރ އަދި 5ޖީ ޓެކްނޮލޮޖީގެ އެހީގައި މުޅި ރާއްޖެ ގުޅުވާލައިފައިވާ މި ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން އަންނަނީ މެދުނުކެނޑި އިންވެސްޓްކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތަކާއި އެންމެ ޒަމާނީ ޑޭޓާ ސެންޓަރުތަކުގެ ސަބަބުން، ޑިޖިޓަލް ދާއިރާގައި އުފެދެމުން އަންނަ ބޮޑެތި ބޭނުންތަކަށް އެއްބާރުލުން ދިނުމުގެ ގާބިލުކަން ނެޓްވޯކަށް ވަނީ ލިބިފައެވެ.
އުރީދޫ އިން ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، “ސުޕަރނެޓް” އަކީ ގޭބިސީތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް ޒަމާނުގައި ކުރިއެރުން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެއް ކަމަށެވެ. ގޭގައި ތިބެގެން މަސައްކަތްކުރުމާއި، އޮންލައިންކޮށް ކިޔެވުމާއި، ހައި-ޑެފިނިޝަން ސްޓްރީމިން އަދި ގޭމިން ފަދަ ކަންކަމަށް ބޭނުންވާ ހަލުވި އަދި އެއްވަރެއްގެ ޕާފޯމަންސެއް ކަސްޓަމަރުންނަށް މި ހިދުމަތުން ލިބޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުމްރާނީ ވަސީލަތްތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމަށްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އުރީދޫ ސުޕަރއެޕް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކާއި، ޒަމާނީ ކަސްޓަމަރ ސަޕޯޓް ހައްލުތަކާއި، ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތަކުގެ ޒަރިއްޔާއިން، ހަލުވި އަދި ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބޭކަން އެ ކުންފުނިން ކަށަވަރުކުރެއެވެ.
ރާއްޖެ ޑިޖިޓަލް މުސްތަގުބަލަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އަންނަނީ މި ދަތުރުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެ ކުންފުނިން އަންނަނީ އާ އީޖާދުތަކާއި ގުޅުންތައް ބަދަހިކޮށް، މުޅި ރާއްޖޭގެ މުޖުތަމައުތަކަށް ކުރިއެރުން ހޯދައިދެމުންނެވެ. އުރީދޫ މޯލްޑިވްސް އިން ދޭ ޔަގީންކަމަކީ ވަރުގަދަ ބިންގަލަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ތައުރީފާއި، ސާފު ތަސައްވުރަކާއެކު، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގެ އެންމެ ކުރީގައި ދެމިއޮންނާނެ ކަމެވެ.