English Edition
Dhivehi Edition
އުރީދޫ ނޭޝަން ގޭމް މުބާރާތެއްގެ ތެރެއިން

އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް 2026 ފޯލް މުބާރާތުގެ ގަދަ ތިން ވަނަ ހޯދި ޓީމުތަކަށް، ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

މާލޭގެ ޔޫތު ހަބްގައި މި އޮގަސްޓު މަހުގެ 14 އާއި 15 ގައި ބޭއްވި މި މުބާރާތުގެ ނޭޝަނަލް ފައިނަލްގައި ރާއްޖޭގެ އެންމެ ގަދަ 16 ޓީމު ބައިވެރިވިއެވެ. ދެ ދުވަހުގެ މައްޗަށް ބަހާލައިގެން ކުޅުނު ފޯރިގަދަ 10 މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސިންޑިކޭޓް ޓީމެވެ. ފަސްޓް ރަނަރއަޕްކަން އެލްއެންއެން އެސްޑީއެމްޒެޑް ހޯދިއިރު، ސެކަންޑް ރަނަރއަޕްކަން ހޯދީ ޑީސީއެމް ޑީއެމްޓީއެވެ.

މި ކާމިޔާބީއާއެކު މި ތިން ޓީމަށް ވަނީ ސަރަހައްދީ ބޮޑު މުބާރާތުން ޖާގަ ލިބި، ރާއްޖޭގެ އީސްޕޯޓްސް ހުނަރުވެރިން އިންޓަނޭޝަނަލް މައިޒާނެއްގައި ވާދަކުރުމުގެ މަގު ފަހިވެފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ބުނީ، އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ ޒުވާން އީސްޕޯޓްސް އެތުލީޓުންނަށް އިންޓަނޭޝަނަލް ފެންވަރުގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި ރާއްޖޭގެ ތިން ޓީމެއް ސަރަހައްދީ މުބާރާތަށް ހޮވުމަކީ މުޅި ރާއްޖޭގެ އީސްޕޯޓްސް އާއިލާއަށް ލިބުނު ބޮޑު ފަހުރެއް ކަމަށްވެސް އޭނާ ބުންޏެވެ.

އުރީދޫން ދަނީ ރާއްޖޭގެ ގޭމިން އަދި އީސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް ސިލްސިލާކޮށް އިންވެސްޓް ކުރަމުންނެވެ. މިއީ އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހީގައި ދިވެހިންނަށް އާ ފުރުސަތުތައް ހޯދައިދިނުމަށް އުރީދޫން ގެންގުޅޭ ‘ޑިޖިޓަލް ރާއްޖެ’ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އުރީދޫން ވަނީ މުބާރާތުގެ ގަދަ ތިން ޓީމަށް މަރުހަބާ ކިޔައި، ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދިދަ އުފުލައިދިނުމުގައި އެ ތިން ޓީމަށް ކާމިޔާބީއަށް އެދިފައެވެ.

ޓެގު