English Edition
Dhivehi Edition
ޝައިހް އާސިމް އަލް ހަކީމް،

މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް، ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޝައިހް އާސިމް އަލް ހަކީމް 8 ދުވަހުގެ ދަތުރެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު އެ ދަތުރު ހަމަޖައްސާފައި ވަނީ “ދަ ޓްރެވަލާ” ގްރޫޕުންނެވެ. ރާއްޖޭގެ ފަސް ސިޓީގައި ޝައިހް އާސިމް ދަރުސް ދެއްވާން ހަމަޖެހިފައިވާއިރު، ސިޓީ ތަކަށް ދަތުރުތައް ހަމަޖައްސާފައި ވަނީ އެ ސިޓީއެއްގެ ކައުންސިލުންނެވެ.

ޝައިހް އާސިމް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށިންނެވެ. އޭގެ ފަހުން 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގަ އެވެ. އަންނަ މަހު އެއް ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން ދަރުސް ދެއްވުމަށް ފަހު ދެވަނަ ދުވަހުގެ ރޭ ތިނަދޫގައި ދަރުސް ދެއްވާނެއެވެ.

މީގެ އިތުރުން ކޮންމެ ދަރުހަކަށް ފަހު ވެސް 15 ވަރަކަށް މިނެޓް އާންމުންގެ ސުވާލުތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ.