English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގައި އިމާރާތް ކުރާ ފްލެޓްތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000 ރުފިޔާގައިކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ބޭންކާ ގުޅިގެން މިފަދަ މަޝްރޫއުއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި، އެފޯޑަބަލް ހައުސިން ކެޓަގަރީގައި ހިމެނޭ މީހުންނަށް ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ކަމަށެވެ.

ބީއެމްއެލްއިން އަޅާ ފްލެޓުތަކުގެ ކުލި އަދި މުޅިން ފައިނަލް ނުކުރި ނަމަވެސް ބޭންކުން މިހާރު ހަދަމުން އަންނަ ހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާއަށް ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި އުޅެނީ 25،000ރުފިޔާއާއި 30،000ރުފިޔާއާ ދެމެދުގައިކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިއީ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.