އައްޑޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން (ސީ.ޕީ.އެސް) ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހް ކޮށްފިއެވެ.
ސެންޓްރަލް ޕަވާ ސްޓޭޝަން ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހް ކުރުމަށް ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ. މި މަޝްރޫއަކީ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ސި.ޕީ.އެސް ފުރިހަމަކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމާއި އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ.
މި މަޝްރޫއުގެ ދަށުން ޕަވާ ސްޓޭޝަންގައި ބެލްޖިއަމް ކުންފުންޏެއް ކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ އުފެއްދުން ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ މަސައްކަތް ނިމުމުން އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެގާޤާބިލްކަން ހުންނާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެތައް ދުވަހެއްވީ މައްސަލައެއް ކަމަށެވެ. އެގޮތަށް އެކަން ދިމާވެފައިވަނީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައި ނުވުމުގެ ސަބަބުންކަމަށް ނަޖާހު ވިދާޅުވިއެވެ.