English Edition
Dhivehi Edition
އަމާން އުދަރެސް ފްލެޓްތައް: ފޮޓޯ ފިޔަ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފްލެޓްތައް، އެއްބަސްވުމާ ހިލާފަށް މާ ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ އެ ކޯޕަރޭޝަނުން ބަލަން ފަށައިފިއެވެ. އެފްޑީސީން ބުނި ގޮތުގައި، މަހަކު 9,000 ރުފިޔާގެ ކުއްޔަށް ދޫކޮށްފައިވާ ބައެއް ފްލެޓްތައް، ބައެއް ފަރާތްތަކުން 25,000 ރުފިޔާއަށް ވުރެ ބޮޑު އަގުގައި އެހެން މީހުންނަށް ކުއްޔަށް ދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓްގެ ވެރިފަރާތް ރަށެއްގައި ދިރިއުޅެމުން، ހުޅުމާލޭގެ ފްލެޓް އެހެން އާއިލާތަކަށް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން، ބައެއް ފްލެޓްތައް ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓާސްގެ ގޮތުގައި ބޭނުންކުރާ މައްސަލަތަކެއް ވެސް ފެންމަތިވެފައިވާ ކަމަށާއި، އެފަދަ އެއް މައްސަލައެއްގައި މިހާރު ވެސް 50,000 ރުފިޔާއިން ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. އެފްޑީސީން އިންޒާރު ދީފައިވާ ގޮތުގައި، މި އުސޫލާ ހިލާފުވާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލުމުގެ އިހުތިޔާރު އެ ކޯޕަރޭޝަނަށް ލިބިގެންވެއެވެ. “ގެދޮރުވެރިޔާ” މަޝްރޫއުގެ ދަށުން ތަރައްގީކުރި 4,000 ފްލެޓްގެ ތެރެއިން ނިމިފައިވާ ތަންތަން ހަވާލުކުރަން ފެށުމާއެކު، މިފަދަ ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.