English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ފުނާޑު. އެލީނާ، މުހައްމަދު މޫސާ (72އ) އާއި ޏ. ފުވައްމުލައް / މިސްކިތްމަގު. ނިރިހާ، ހުސައިން ސައިފު (33އ) އެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ ތެރެއިން ހުސައިން ސައިފު (33އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މުހައްމަދު މޫސާ (72އ) ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ފުވައްމުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސައިފު 15 ދުވަހަށް އަދި މުހއްމަދު މޫސާ ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.