English Edition
Dhivehi Edition
އުރީދޫ ފަންރަން 2025 އައްޑޫސިޓީ ގެ ތެރެއިން: ފޮޓޯ- އުރީދޫ

ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަން 2025 ރަޖިސްޓްރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން “އުރީދޫ ފަން ރަން” އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. އެގޮތުން މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އުރީދޫއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ދުވުން ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 19، 2025 ގައި ހުޅުމާލޭގައެވެ. ނޮވެމްބަރު 14، 2025 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ފުރުމުގެ ކުރިން ކުރީބައިގައި މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވާން އުރީދޫ އިން ވަނީ އެދިފައެވެ.

މި ދުވުމުގެ ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިހްތިޔާރު ކުރެވޭނެ:

  • ސްޓޭންޑާޑް ކިޓްސް – 110 ރުފިޔާ: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނެ އެވެ.
  • ފަން ކިޓްސް – 210 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ އެވެ.

މީގެ އިތުރުން ވެސް ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުން އޮކްޓޯބަރު 31 ގެ ނިޔަލަށް އިތުރު އަގަކާ ނުލާ ކުރިއަށްދާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ. އުރީދޫ އިން ބުނީ 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާ ދުވުމެއް ކަމަށެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.