ގއ. ނިލަންދޫ ކައުންސިލްގައި ބަޖެޓު ނެތް ކަމަށް ބުނެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭ ކަމަށް ދައްކާ ވާހަކަތަކަށް، އެ ކައުންސިލްގެ ކުރީގެ ރައީސް ނާސިހު އިބްރާހީމް ރައްދު ދީފިއެވެ. އޭނާ ވަނީ ބަޖެޓު މެނޭޖުކޮށްގެން ކަންކަން ކުރަން ނޭނގޭނަމަ، އެކަން ކުރަން ދަންނަ ގާބިލު މީހުންނަށް ފުރުސަތު ދިނުމަށް މިހާރުގެ ކައުންސިލަށް ގޮވާލާފައެވެ.
ނާސިހު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ކައުންސިލަށް ލިބޭ ގްރާންޓާއި އަމިއްލަ އާމްދަނީ މަދު ނަމަވެސް، ފާއިތުވި 13 އަހަރު ދުވަހު އެއްވެސް ހިދުމަތެއް ހުއްޓުމެއް ނެތި ފޯރުކޮށްދީފައިވާނެ ކަމަށެވެ. ކައުންސިލަށް މަހަކު ލިބޭ ފަސް ލައްކަ ނުވަތަ ހަ ލައްކަ ރުފިޔާގެ ތެރެއިން މުސާރައަށް ކަނޑާފައި ބާކީވާ ދޮޅު ލައްކައެއްހާ ރުފިޔާއިން، އިދާރީ ހަރަދުތަކާއި މިސްކިތްތަކާއި ބަނދަރުގެ ކަރަންޓު ބިލުތައް ދައްކައިގެން ރަށުގެ ތަރައްގީގެ ކަންކަން މެނޭޖުކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ބަޖެޓު ނެތް ކަމަށް ބުނެ އެންމެ ފަހަރަކު ވެސް ރައްޔިތުން ގާތު ނުބުނެ، ޒުވާނުންގެ މުބާރާތްތަކާއި މަގު ހެދުން ފަދަ ކަންކަން ކުރީގެ ދައުރުތަކުގައި ކޮށްފައިވަނީ ކައުންސިލްގެ ފައިނޭންސް ޓީމާއި މުވައްޒަފުންގެ ގާބިލުކަމުން ކަމަށް ވެސް ނާސިހު ބުންޏެވެ.
ދައުރު ނިމުނުއިރު ނުދައްކާ ހުރި ބިލުތަކާ ގުޅޭގޮތުން ނާސިހު ބުނީ، އެއީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ބަޖެޓު މަދުވެދާނެ ކަމަށް ބުނެ ފައިސާ ދެއްކުން ހުއްޓުވުމުން ދިމާވި ކަމެއް ކަމަށެވެ. ކައުންސިލްގެ ޖަލްސާތަކުން ފާސްކުރި ބިލުތަކަށް ފައިސާ ދެއްކުމަށް އެސްޖީ އެއްބާރުލުން ދިން ނަމަ، ދައުރު ނިމުނުއިރު އެންމެ ބިލެއް ވެސް ނުދައްކާ ނޯންނާނެ ކަމަށް ނާސިހު ބުންޏެވެ.
ނާސިހު މިހެން ބުނެފައި ވީނަމަވެސް، މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިލަންދޫ ކައުންސިލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފައިސާ ނުދައްކާ ހުރި ބިލުތަކުގެ އަދަދު 1،438،426 ރުފިޔާއަށް އަރައެވެ. އަދި އެ ކައުންސިލްގެ ދެ އެކައުންޓުގައި ޖުމްލަ ހުރީ 113،087 ރުފިޔާ ކަމަށް ވެސް ކައުންސިލުން އާންމުކުރި ހިސާބުތަކުގައި ބުނެފައިވެއެވެ.