މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ދިވެހިންނަށް ހުރިހާ ހަރަދަކާއެކު މެލޭޝިއާއިން ކިޔެވުމުގެ ސްކޮލަޝިޕް ފުރުސަތުތަކެއް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ. އެ އޮތޯރިޓީން މި ފުރުސަތުތައް ހުޅުވާލާފައި ވަނީ ބެޗްލާސް ޑިގްރީ އާއި މާސްޓާސް ޑިގްރީގެ އިތުރުން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށެވެ.
މި ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން، ކޯހުގެ ޓިއުޝަން ފީ އާއި ޔުނިވަސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހުރިހާ ހަރަދުތަކެއް ވެސް އެ އޮތޯރިޓީން އެއްކޮށް ހަމަޖައްސައިދޭނެއެވެ. މިއީ މަތީ ތައުލީމަށް ކިޔަވަން ބޭނުންވެފައިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.
އެމްއެމްއޭއިން ހުޅުވާލާފައިވާ މި ފުރުސަތުތަކުގެ ތެރޭގައި މެލޭޝިއާގެ މަޝްހޫރު ޔުނިވަސިޓީތަކުން ކިޔެވުން ހިމެނެއެވެ. އޭގެ ތެރޭގައި ސެލަންގޯ އިސްލާމިކް ޔުނިވަސިޓީން ބެޗްލާ އޮފް އެކައުންޓިން ކިޔެވުމާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ލޯސް އަދި މާސްޓާ އޮފް އިކޮނޮމިކްސް ކިޔެވުން ހިމެނެއެވެ. މީގެ އިތުރުން އިންސީފް ޔުނިވަސިޓީން އިސްލާމިކް ފައިނޭންސް ނުވަތަ އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ޕީއެޗްޑީ ހެދުމަށް ވެސް ފުރުސަތު ދީފައިވެއެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މި ކޯސްތައް ފުރިހަމަކުރުމަށްފަހު، ކިޔެވި ފަރާތްތަކުން މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.