English Edition
Dhivehi Edition
މަރަދޫ ފޭދޫ ޑްރަގް ކެފޭ ބަންދުކުރަން އެންގުން

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމަށް ހާއްސަކޮށްގެން ހިންގަމުންދިޔަ ތަނެއް، ކޯޓު އަމުރެއްގެ ދަށުން 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، އެ ރަށު އުއްމީދުގެ ބަންދުކުރުމަށެވެ. އެގޮތުން ޖޫން 15 ވަނަ ދުވަހުން ފެށިގެން އެ ގެ ވަނީ ބަންދުކޮށްފައެވެ.

މިއީ މަރަދޫފޭދޫ ކޯޓުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، މިއީ އައްޑޫ ސިޓީގައި ޑްރަގް ކެފޭއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކުރި ދެވަނަ ފަހަރެވެ. މި މަހުގެ ތެރޭގައި ހިތަދޫގެ ގެއެއް ވެސް ވަނީ މިގޮތަށް ބަންދުކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް ހުއްދަ ނެތި ވަނުމާއި، އެ ތަންތަނަށް އެއްވެސް ގެއްލުމެއް ދިނުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

އައްޑޫ ސިޓީގެ އިތުރުން، އޭގެ ކުރިން ފުވައްމުލަކު ސިޓީގައި ވެސް މިފަދަ ތަނެއް 85 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރަން ފުރުސަތުދޭ ތަންތަން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.