English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

މާލެ ސަރަހައްދުގެ ސްކޫލެއްގައި ކުރިން އުޅުނު ބިދޭސީއަކު ފުރައިގެން ދިޔުމުން، އޭނާގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގައިގެން ހިންގި ބޮޑު ހިޔާނާތެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި މި ހިޔާނާތުގައި ދައުލަތުގެ ބަޖެޓުން ޖުމްލަ 1.5 މިލިއަން ރުފިޔާ ވަނީ ނަގާފައެވެ. އެ ބިދޭސީ މީހާ ފުރައިގެން ދިޔުމުން އޭނާގެ ބަދަލުގައި އެހެން ނަމެއް މުސާރަ ޝީޓަށް އިތުރުކޮށް، އެ ފައިސާ ޖަމާކުރަމުން ދިޔައީ ސްކޫލުގެ ބަޖެޓް އޮފިސަރާ އާއިލީ ގޮތުން ގުޅުންހުރި އެކި މީހުންގެ ބޭންކް އެކައުންޓުތަކަށެވެ.

މި ބޮޑު މައްސަލަ ފަޅާއެރީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ރެންޑަމް އޮޑިޓްތަކެއް ކުރަމުން ދަނިކޮށެވެ. މިއީ ފަހުގެ ތާރީހެއްގައި ސްކޫލެއްގެ އިދާރީ މުވައްޒަފުންތަކެއް ގުޅިގެން ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށް ވާއިރު، އޭސީސީން މިހާރު އަންނަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

މި މައްސަލައާ ގުޅިގެން އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރު ވަޒީފާއިން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ނާސިހު ވެސް ވަނީ މިފަދަ މައްސަލައެއް ފާހަގަވެ، އެ ތިން މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ޓެގު