English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއޫގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން، އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 156 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި މެންދޫއާއި ކުނަހަންދޫ ދެމެދުގައި 133 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 167 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ގާއިމްކުރުމުގެ މަސައްކަތަށް 81.2 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.