English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 7 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / މާސާ، އަޙްމަދު ޢާނިމް (27އ) އެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެތިކަމަށް ބެލެވޭޓިޝޫ ޕޭޕަރެއް ފެނިފައިވެއެވެ. މީގެ ވަގުތީ ބަރުދަނީ ދެ ގްރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން ތިން ލައްކައަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.