ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރެވިގެންދިއުމަކީ މަސްވެރި ސިނާއަތަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށާ މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑު، އެލްއެލްއެފު ގުޅިގެން ބާސެލޯގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ޒާމާނުއްސުރެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަސޭހައިން އައިސް ލިބުމުގެ ދަތިކަންކަމަށެވެ. އަދި އެކަމުގެ ސަބަބަުން އައިސް ހޯދަން މަސްވެރިން ދުއްވަންޖެހޭ މިންވަރު އިތުރުވެ ބޮޑު ހަރަދެއް އެކަމަށް މަސްވެރިން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ލޮނު ފެނުން މަސް ފިނި ކުރާ ނިޒާމް ދޯނިތަކުގައި ގާއިމް ކުރުމުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރާ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން އައިސް ހޯދަން މަސްވެރިން އުފުލަމުންދިޔަ ތަކުލީފުތައް ނިމުމަކަށް އަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އާރްއެސްޑަބްލިއު މަޝްރޫއުގެ މަގަސަދަކީ މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ގާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުން ކަމަށެވެ. މިނިޒާމުގެ ސަބަބުން،ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.