ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ހިމެނޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ މި ހިނގާ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި އިސްލާހުގެ ދަށުން އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ ޕްލާސްޓިކް ކޮތަޅުން ނަގަމުން އައި ފީއަށެވެ. އެގޮތުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ދޫކުރާ ކޮތަޅަކަށް ދެ ރުފިޔާ ނެގި ނަމަވެސް، 50 ކޮތަޅަށް ވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑި ގަންނަ ނަމަ އެ ފީ ނެގުން ވަނީ އިސްތިސްނާކޮށްފައެވެ. މީގެ ސަބަބުން ކޮތަޅު ބޮނޑިން ކުރިން ނަގަމުން އައި ޑަބަލް ޓެކްސް އެއްކޮށް ހުއްޓުމަކަށް އަންނާނެއެވެ.
މީގެ އިތުރުން ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ގާއިމުކުރުމުގެ މިންގަނޑުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނު ތަންފީޒުކުރުމުގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ މަސްއޫލިއްޔަތުތައް ވެސް އިތުރަށް ސާފުކޮށްދީފައިވެއެވެ.
މި ބިލު ތަސްދީގުކުރެއްވުމާއެކު، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އަލަށް ހަދަންޖެހޭ ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ. އަދި ރާއްޖެ އަށް ކުނި އެތެރެކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވެސް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.