English Edition
Dhivehi Edition
ރައީސް އޮފީހުން ނީލަމަށް ލާފައިވާ މޭޒު

ރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންތަކެއް ބޭނުންކުރެއްވި މޭޒެއް ނީލަމުގައި ވިއްކާލިކަމަށް ބުނެ، ފޮޓޯ ހަދައިގެން އޮޅޭގޮތަށް މައުލޫމާތު ނުފެތުރުމަށް ސަރުކާރުން އެދެފިއެވެ. މިކަމަށް އެދިފައިވަނީ، ސޯޝަލް މީޑިއާގައި މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މި މައްސަލައާ ގުޅިގެން ރައީސް އޮފީހުން ބުނީ، މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް އިރެއްގައި ބޭނުންކުރެއްވި މޭޒެއް ނޫން ކަމަށެވެ. އަދި އެއީ ރަސްމީ ކަންކަމުގައި ބޭނުންކުރި އެއްޗެއް ކަމަށް ދައްކަން ބަޔަކު އުޅުނު ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެ އޮފީހުން ވަނީ ޔަގީންކޮށްދީފައެވެ.

އެ އޮފީހުން ނީލަމަށް ލާފައިވާ މޭޒަކީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެއްޗެކެވެ. އެ މޭޒު ބަލަހައްޓަން ދަތިވުމުން ނީލަމަށްލީ، ދައުލަތުގެ މުދާ ނީލަމަށް ލުމުގައި އަމަލުކުރަން އޮންނަ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދަޅުވިއެވެ.

ތަރުޖަމާނު އިތުރަށް ސާފުކޮށްދެއްވި ގޮތުގައި، ދައުލަތުގެ ނިޝާން ހިމެނޭ ފަރުނީޗަރެއް ނީލަމަށްލާ ނަމަ، އޭގެ ކުރިން އެ ނިޝާން އެ އެއްޗަކުން ނަގާނެއެވެ. ނަމަވެސް މިހާރު ފަތުރަމުންދާ ފޮޓޯތަކަކީ އޭގެ އަސްލަށް ބަދަލުގެނެސް، އެއީ ކުރީގެ ރައީސުން ބޭނުންކުރި ރަސްމީ މޭޒެއްކަމަށް ދެއްކުމަށް ގަސްތުގައި ހަދާފައިވާ ފޮޓޯތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މިފަދަ ހަބަރުތައް އާންމުކުރާއިރު ކަމާބެހޭ ރަސްމީ އިދާރާތަކުން ސައްހަ މައުލޫމާތު ހޯދައި، ކަން އޮތްގޮތް ކަށަވަރުކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ. އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައިވެއެވެ.