ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ހިދުމަތްދޭތާ 50 އަހަރު ފުރޭ މުނާސަބުގައި، މޯލްޑިވްސް ޕޮލިޓެކްނީކްއިން ކުރިއަށްގެންދާ ފޮޓޯ މައުރަޒު “ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް” ނައިބު ރައީސް މުހައްމަދު ލަތީފް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ސިފްކޯ ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ، އިއްޒަތްތެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފިލާ ބޯޑުގައި ސޮއިކުރައްވާފައެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނީކްގެ ދަރިވަރުން ތައްޔާރުކުރައްވާފައިވާ އުފެއްދުމެއް، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ އަރުވާފައެވެ.
އެއަށްފަހު، ނައިބު ރައީސް ވަނީ، “ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް” ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. މި މައުރަޒަކީ، ދިވެހިރާއްޖޭގެ ތަރައްގީއަށް ޓީވެޓް ދާއިރާއިން ކޮށްފައިވާ އަގުހުރި ހިދުމަތްތަކާއި، މިދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މިހިނގާ އޮކްޓޫބަރު މަހުގެ 7 އަދި 8 ގައި، ސިފްކޯ ހޯލުގައެވެ.
އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ، ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައެވެ.