ޑްރަގް ޕްރިވަލަންސް ސާވޭއާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެއްޗާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އްޖޭގެ މަސްތުވާކެތީގެ ހާލަތާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި އިހްސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ޑްރަގް ޕްރިވަލެންސް ސާވޭއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން، މި ސާވޭ ހެދުމަށް ކަމާއި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި ސާވޭ ހެދުމަށް އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ޞިއްޙީ ނުރަނގަޅު އާދަކާދަތައް އަށަގެންފައިވާ ބަޔަކަށްވާތީ ގައިންގަޔަށް އަރާ ބަލިތަކާއި އެ ނޫންވެސް ބަލިތައް އެ މީހުންގެ ފަރާތުން ފެތުރުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެފަދަ ބަލި މީހުން ދެނެގަނެވުމާއެކު އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެ މީހުންގެ އާއިލާތަކާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން ސިއްހީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.އަދި އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އެންޑީއޭއިން ގެންގުޅޭ ސިޔާސަތަކީ އެ މީހުންގެ ސައިކޭޓްރިކް އިވެލުއޭޝަން ހަދައި، ސައިކޭޓްރިކް ފަރުވާއާއި ސިމްޕްޓޮމެޓިކް މެޑިކަލް ޓްރީޓްމަންޓުގެ ގޮތުގައި ދޭންޖެހޭ ފަރުވާއާއެކު ފަރުވާގެ ޕްލޭން ހަދައި، އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދެމުން ގެންދިއުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ އެންޑީއޭއިން ރިސަރޗް އެނަލިސިސް ހެދުމަށްޓަކައި ޕާޓީ ޑްރަގް ބޭނުންކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށްޓަކައި ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ، މިހާރު ކުރިއަށްގެންދާ ސާވޭގައި އެންޑީއޭއިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމަންޓުތަކުންނާއި ޓެސްޓްކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކުން ޑޭޓާ އެއްކުރާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށްގެން ލިބޭ ރިޕޯޓުތައް އެ މުއައްސަސާއިން އެންޑީއޭއާ ހިއްސާކުރަމުންދާކަން މިނިސްޓަރު ޖަވާބުގައިވެއެވެ.އަދި މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެންޑީއޭއަށް ދެނެގަނެވޭކަމަށް އިހްސާން ވިދާޅުވިއެވެ.