English Edition
Dhivehi Edition
ކައްޗަލަ ހުއިފިލަނޑާ ނަގަނީ

ބައިނަލްއަގުވާމީ ސައިޓީސް މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އެކްސްޕޯޓްކުރުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް 10.95 ޓަނުގެ ކޯޓާ 7 ކުންފުންޏަކަށް ދޫކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޯޓާ ދޫކޮށްފައިވަނީ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް ޕްރޮސެސިންގ ލައިސަންސަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވި ފަރާތްތަކަށް ކަމަށެވެ.

ކައްޗަލަ (އެމްބަރފިޝް) އަކީ އޭގެ އާބާދީ ދަށްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބިނާކޮށް، 2022 ވަނަ އަހަރު ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ދިރުމެކެވެ. ސައިޓީސްގެ މި ޖަދުވަލުގައި ހިމެނޭ އެއްވެސް ބާވަތެއް ބައިނަލްއަގުވާމީ ވިޔަފާރީގެ ބާޒާރަށް އެކްސްޕޯޓްކުރެވޭނީ، އެ ގައުމެއްގެ ކަމާބެހޭ މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

މިފަދަ ހުއްދައެއް ދޫކުރެވެނީ، އެ ގައުމެއްގެ ސައިންޓިފިކް އޮތޯރިޓީން އެކުލަވާލާ “ނޮން-ޑެޓްރިމެންޓަލް ފައިންޑިންގ” (އެންޑީއެފް) ރިޕޯޓަކުން، އެ ބާވަތް މާހައުލުން ނަގައި އެކްސްޕޯޓްކުރުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާނެ ދެމެހެއްޓެނިވި މިންވަރެއްކަން ކަށަވަރުވުމުންނެވެ. މިގޮތުން ރާއްޖޭގެ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިހާރު ވަނީ މި ބާވަތުގެ މަސްވެރިކަމާ ގުޅޭ އެންޑީއެފް ދިރާސާ ފުރިހަމަކޮށް މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

އެމްއެމްއާރްއައިގެ ދިރާސާގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް 12 މަސްދުވަހަށް ރާއްޖެއިން އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވަނީ ހިއްކާފައިވާ ކައްޗަލަގެ 10.95 ޓަނެވެ. އެހެންކަމުން މިއަދުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކައްޗަލަ ބޭރުކުރުމަށް ސައިޓީސް ޕާމިޓް ދޫކުރާނީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް، މި ކަނޑައެޅުނު 10.95 ޓަނުގެ ޖުމްލަ ސީލިންގްގެ ތެރެއިންނެވެ.

މި އުސޫލުގެ ދަށުން ކޯޓާ ލިބުނު 7 ކުންފުންޏަކީ އޯޝަން ޓައިޑްސް އިންޓަނޭޝަނަލް، އެސްއެމް އިންވެސްޓްމަންޓް، މަލަކް އިންވެސްޓްމަންޓް، ވިލިނގިލި ފިޝް ވިލެޖް، ސްކައި ގޯ އިންޓަނޭޝަނަލް، ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ އަދި ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓްމަންޓެވެ.