ސިއްހީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ ސިއްހީ ހިދުމަތްތެރިން ތަމްރީނުކޮށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ “ނިއޯކެއަރ 2026 – ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް” ފެށުމުގެ ގޮތުން މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއާ ނުވަތަ އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ފަރުވާ ހަރުދަނާކުރުމަށް ޒަމާނީ އާލާތްތަކާއި މެޑިކަލް ޓެކްނޮލޮޖީ މުހިންމު ނަމަވެސް، އެންމެ އިސް ދައުރެއް އަދާކުރަނީ ހުނަރުވެރި އިންސާނީ ވަސީލަތްތައް ކަމަށެވެ. އެގޮތުން މެޝިނަކުން ކުއްޖެއްގެ ހިތުގެ ވިންދު ދައްކައިދިން ނަމަވެސް، އޭގެ ހަގީގީ މާނަ ދެނެގަނެވޭނީ އެކަމަށް ތަމްރީނު ލިބިފައިވާ ފަންނީ މީހަކަށް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ކުރިއަރާފައިވާ ޒަމާނީ އާލާތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިންނަށް މެދުކެނޑުމެއް ނެތި ތަމްރީނު ދިނުމާއި، ހާއްސަ ތައުލީމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެ ކުއްޖަކު އުފަންވާ ރަށަކަށް ނުވަތަ އާއިލާގެ ހާލަތަކަށް ބެލުމެއް ނެތި، ރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް އެއް ފެންވަރެއްގެ ރަނގަޅު ފަރުވާ ލިބެންޖެހޭނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި ނިއޯނޭޓަލް ކެއާގެ ހިދުމަތްތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ހާލަތާ ގުޅޭ ޑޭޓާއާއި ސައިންޓިފިކް ދިރާސާތަކުގެ ބޭނުން ހިފުމުގެ މުހިންމުކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހާއްސަ ފަރުވާ ހޯދާ ތުއްތު ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އަޅާލުމުގެ މުހިންމުކަން ހަނދާންކޮށްދެއްވަމުން، ސިއްހީ ހިދުމަތަކީ ހަމައެކަނި ބައްޔަކަށް ފަރުވާ ދިނުން ނޫން ކަމަށާއި އެއީ އިންސާނިއްޔަތުކަމާއެކު އޯގާތެރިވުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އާއިލާތަކަށް ދިމާވާ އެންމެ ދަތި ވަގުތުތަކުގައި ޑޮކްޓަރުންނާއި ނަރުހުން އަދާކުރާ ބުރަ މަސައްކަތާއި އެ ފަރާތްތަކުގެ ކިބައިގައިވާ އަޅާލުމަށް މެޑަމް ސާޖިދާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.